ޚަބަރު

ފުރަތަމަ ބުުރުގެ އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާއަށް ރާއްޖޭގެ އަޒިޔާން


އޭސީސީ ވެސްޓާން ރީޖަން ނަވާރަ އަހަރުން ދަށުގެ ކްރިކެޓް މުބާރާތުން ރާއްޖެ ކެޓިއިރު، ރާއްޖޭގެ ކެޕްޓަން ޔޫސުފް އަޒިޔާން ފަރުހަތު، ތަފާތު މޮޅު ކުޅުމަކާއިއެކު، ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ތިން މެޗުން ބަލިވެ ރާއްޖެ ކެޓިއިރު، އަޒިޔާން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ލަނޑުހެދި ކުޅުންތެރިޔާގެ މަގާމް ހޯދާފައިއެވެ. އޭނާ މިމަގާމުގައި ހޯދީ ތިން މެޗުން 199 ލަނޑު ހަދައިގެންނެވެ.
އެގޮތުން އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފަހު މެޗުގައި 131 ލަނޑުހަދައި، އޭނާގެ ކުރިއަރުގެ ފުރަތަމަ އިންޓަނޭޝަނަލް ސެންޗަރީ ހަދާފައިއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަޒްޔާންއެވެ.
ޤަތަރާއި ދެކޮޅަށް އަޒިޔާން ސެންޗަރީ ހެދިއިރު، އެންމެ ފަހުން ޤަތަރާއި ރާއްޖެ، މީގެ ދެއަހަރު ކުރިން ވާދަކުރި މެޗުގައި އަޒިޔާން ނުބައިވީ އެންމެ ލަނޑެއްވެސް ނުހެދިއެވެ.
ޤަތަރާއި ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވި ނަމަވެސް މޮޅު ކުޅުންތެރިޔާގެ މަގާމު އަޒިޔާން ހޯދިއިރު، މެޗަށްފަހު އޭސީސީގެ އޮފިޝަލުންންވެސް ވަނީ އަޒިޔާންގެ މޮޅު ކުޅުމަށް ސާބަސްދީ އޭނާކުރި ހިތްވަރުދީފައިއެވެ.
މުބާރާތުގެ ފުރަތަމަބުރުގެ ނިންމާލިއިރު، އަޒިޔާން އާއި އެންމެ ގާތުން ވާދަކުރާ ޤަތަރުގެ ސަޢީދް ޔޫސުފް އަށް ހެދިފައިވަނީ 174 ލަނޑުއެވެ. ތިންވަނާގައި އޮތީ 162 ލަނޑާއިއެކު ކުވައިތުގެ ގޮވިންދް ސުނިލް ކުމާރުއެވެ.
މީގެ އިތުރުން ރާއްޖޭގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ރަޔާން ތޮލާލްވެސް ވަނީ މުބާރާތުގައި ބޮޑު ކުރިއެރުމެއް ހޯދާފައިއެވެ. އުމުރުން އެންމެ 13 އަހަރުގެ ރަޔާން އޮތީ ފުރަތަމަ ބުރު ނިންމާލިއިރު، ދެވަނައަށް އެންމެ ގިނަ ވިކެޓު ނެގި ކުޅުންތެރިޔާގެ ގޮތުގައިއެވެ. އެއީ ތިން މެޗުން 7 ވިކެޓު ނަގައިގެން. އެންމެ ގިނަ ވިކެޓު ނަގާފައިވަނީ ތިންމެޗުން 9 ވިކެޓު ނެގި އަރްޔާން ލަކްރާއެވެ.