ޚަބަރު

ޗައިނާއިން ރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް ހިންގަނީ


އައު ސަރުކާރާއިއެކު ދިވެހިރާއްޖޭގައި ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގުމަށް ތައްޔާރުވަމުންދާކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒޭންގް ލީޒޮންގް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ބޭއްވި ޗައިނާ "ބެލްޓް އެންޑް ރޯޑް" ބީއޭއާރުގެ ދެ ދެވަނަ ފޯރަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން ޗައިނާގެ ސަފީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއިއެކު ޗައިނާ ސަރުކާރުން މިހާތަނަށް ކުރި މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްކަމަށެވެ.

އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާ ނިޒާމުތައް ޤާއިމުކުރުމުގައި ރާއްޖޭއަށް އިތުބާރުހިފޭ ޕާޓްނަރެއްގެ ގޮތުގައި ޗައިނާ އޮންނާނެކަމުގެ ޔަޤީންކަން ޒޭންގް ލީޒޮންގް ދެއްވިއެވެ. ސަފީރު ވިދާޅުވީ، މި މަސައްކަތް ކުރުމައްޓަކައި ރާއްޖޭގެ ސަރުކާރުގެ އިސްވެރިން ޗައިނާއަށް ޒިޔާރަތްކޮށް މަޝްވަރާކުރުމުގެ ފުރުސަތުވެސް އެޤައުމުން ހުޅުވާލާފައިވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއިއެކު ކުރި މަޝްވަރާތަކުގައި އެމަނިކުފާނުވަނީ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ތަރައްޤީކުރަން ބޭނުންވާކަން ހާމަކުރައްވާފައި. ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ޑީސެލިނޭޝަން ޕްލާންޓްތަކާއި، ހައުސިންގް ޔުނިޓްތަކުގެ އިތުރުން ނަރުދަމާގެ ނިޒާމް ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް މަޝްވަރާކުރުމަށް މަސައްކަތް ކުރާނަން. އަދި މިފަހަރުގެ ބީއޭއާރުގެ ސަބް ފޯރަމްގައި ރާއްޖޭގެ އެކޮނޮމިކް މިނިސްޓަރ ބައިވެރިވެ ވަޑައިގަތުމުންވެސް މިގުޅުމުގެ ބަދަހިކަން ފާހަގަކޮށްދޭ" ސަފީރު ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖޭގައި މިހާރުވެސް 3 ޕްރޮޖެކްޓެއް ހިންގަމުން އަންނައިރު، ޗައިނާ ސަރުކާރުގެ އެހީއާއިއެކު އިތުރު 4 މަޝްރޫޢެއް ހިންގަމުންދެއެވެ. އޭގެ ތެރޭގައި ސިނަމާލެ ބްރިޖްގެ މެއިންޓަނަންސްގެ މަސައްކަތާއި، ހިޔާ ހައުސިންގް ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.