ސިޔާސީ

އިންސާނީ ޙައްޤުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅެ ކޮމިޓީ އެކުލަވާލާނަން - އަސްލަމް


އިންސާނީ ޙައްޤުތަކާބެހޭ ކަންކަން ބެލުމަށާއި، މޫސުމަށް އަންނަ ބަދަލުތަށާއި ތިމާވެށްޓާ ގުޅުންހުރި ކަންކަން ބެލުމަށް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ޚާއްޞަ ކޮމިޓީތަކެއް އެކުލަވާލުމަށް މަސައްކަތްކުރައްވާނެކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވީ، ރާއްޖޭގައި އިންސާނީ ހައްޤުތަކާބެހޭ މައްސަލަތައް ބަލާ ގިނަ ރިޕޯޓްތަކެއް ހިއުމަން ރައިޓްސް ކޮމިޝަނުން އެކުލަވާލަމުން އަންނަކަމަށެވެ.

ނަމަވެސް އެރިޕޯޓްތަކާގުޅިގެން ޖަވާބުދާރީ ކުރުވުމުގައި ލަސްތަކެއް އެބަހުރިކަމަށެވެ. އަދި އިންސާނީ ހައްޤުތަކަށް ކަށަވަރުކޮށްދީ އެދާއިރާއިން މަސައްކަތްކުރުމަކީ މިސަރުކާރުން ޚާއްޞަ އަހަމިއްޔަތުކަމެއް ދެއްވާކަމެއްކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

19ވަނަ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވާނެކަން އިޢުލާނުކުރައްވާފައިވާ އަސްލަމް ވިދާޅުވީ، ދުނިޔޭގެ އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގައިވެސް އިންސާނީ ހައްޤުތަކާބެހޭ ކަންކަން ބެލުމަށް ޚާއްޞާ ކޮމިޓީތައް އޮންނަކަމަށެވެ. އެހެންކަމުން އިންސާނީ ހައްޤުތަކާގުޅޭ ކަންކަން ބެލުމަށް ޚާއްޞަ ކޮމިޓީއެއް އައު މަޖިލީހުގައި އޮތުމުގެ ފުރުޞަތު ބޮޑުކަމަށާއި އެކޮމިޓީ އެކުލަވާލުމަށްވެސް މަސައްކަތްކުރައްވާނެކަމަށްވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން އެދާއިރާއިން ރާއްޖެ ކުރާ މަސައއްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވަކާލާތުކުރާ ޤައުމެއްކަމަށާ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެކަމަށް ވަކާލާތުކުރާ ޤައުމެއްކަމަށެވެ. ހަމައެހެންމެ ރާއްޖެ އުފެދިފައި އޮންނަގޮތުންވެސް ތިމާވެށްޓައި މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ކަންކަމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަަމަށާ އެހެންކަމުން އެކަމަށް ޚާއްޞާ މެންޑޭޓްތަކެއް ކަނޑައަޅައި ރާއްޖޭގައި ތިމާވެށްޓައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މުހިންމު ކަންކަމަށް ރިޔާއަތްކުރާނެ ކޮމިޓީއެއްވެސް އުފެއްދުމަށް މަސައްކަތްކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

"ބައެއް ތަންތަނުގައި ޕާލިމަންޓްގައި ހަމަ އޮންނާނެ. އެކަމަށް ވަކި ޚާއްޞަ އަހަމިއްޔަތުކަމެއް ދިނުން. މިސާލަކަށް ޕަބްލިކް ފައިނޭސް ކޮމިޓީއެއްވެސް އޮވޭތާ. އެއީ ފިނޭންސް މިނިސްޓްރީންނާ ބަޖެޓާ ގުޅޭ ކަންކަމާ އަދި ފައިސާއާއި ގުޅޭ ކަންކަމާ އޮޑިޓް ކަންކަން ބެލުމަށް ޚާއްޞަ ކޮމިޓީއެއް، ހަމަ އެގޮތަށް ހިއުމަންރައިޓްސް ކޮމިޝަނެއް ނޫން ކޮމިޓީއެއް އެކުލަވާލަން އަޅުގަނޑު ޕުޝްކުރާނަން. އެހެނިހެން ކޮމިޓީތައްވެސް ހެދިދާނެހަމަ. ކްލައިމެޓް ޗޭންޖު އެންޑް އެޑަޕްޓޭޝަނަށްވެސް ކޮމިޓީއެއް ހެދޭނެ. އެއީ ހަމަ އެ މުހިންމު އިޝޫތައް ވަކިން އެޑްރެސްކުރެވޭނެ. ހިއުމަން ރައިޓްސް ކޮމިޝަނުން ރިޕޯތްތައް ނެރުއްވާނެ ދެއްތޯ. އެ ހިސާބުން ނިމިގެންދަނީ ހަމަ ގިނަފަހަރަށް. ފިޔަވަޅު އެޅުނުތޯ ރިކޮމެންޑޭޝަނަށް އަމަލުކުރެވުނުތޯ ނުބެލޭ. އެކަންކަމަކީ މަޖިލީހުގެ ތެރެއިން ބަލަންޖެހޭ ކަންކަން." އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގައި ހުރި މުހިންމު ބޮޑެތި މައްސަލަތަކަށް ޚާއްޞަ އިސްކަމެއްދެއްވައިގެން ރިޢާޔަތްކުރައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.