ޚަބަރު

މިިދިޔަ މަހުވެސް އެންމެ ގިނައީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަ


މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް މިދިޔަ މަހުވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައްކަމަށް އެމިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިދިޔަ މަހު އެމިނިސްޓްރީއަށް ޖުމްލަ 253 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު އެމިނިސްޓްރީއަށް ރިޕޯޓުކުރި މައްސަލަތަކުގެ ޢަދަދު އޭގެކުރީމަހާ އަޅާބަލާއިރު ވަނީ އިތުރުވެފައެވެ. މިދިޔަމަހު 253 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ފެބްރުއަރީ މަހު އެމިނިސްޓްރީއަށް ރިޕޯޓުކޮށްފައިވަނީ 213 މައްސަލައެވެ.

މިދިޔަމަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން %53 އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާ ގުޅޭ 131 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 35 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ނަފްސާނީ ހާނީއްކައިގެ 14މައްސަލައާއި ޖިންސީ ހާނީއްކައިގެ 32 މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިދިޔަމަހުގެ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 6 މައްސަލައަކާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ކުރުމުގެ 3 މައްސަލައަކާއި އެހެންކުދިން ގަނާކުރުމާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ހައްޤުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ 6 މައްސަލަ މިދިޔަ މަހު ވަނީ ހުށައަޅާފައެވެ. މިދިޔަ މަހު ޖެންދަރ މިނިސްޓްރީއަށް އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 5 މައްސަލައަކާއި ކުޑަކުދިންގެ އަޚްލާގާ ގުޅުންހުރި 15 މައްސަލަ އެއް ހުށައަޅާފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އެކިބާވަތުގެ އަނިޔާއާއި ގުޅޭ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައިން ޖެންޑަރ މިނިސްޓްރީއަށް މިދިޔަ މަހު ރިޕޯޓުކޮށްފައިވަނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކެވެ.

މިގޮތުން މި ބާވަތުގެ 38 މައްސަލައެއް ވަނީ ރިޕޯޓްކޯށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 19 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ މީގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލައާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 5 މައްސަލައެއް ހިމެނެއެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާ ގުޅޭ 12 މައްސަލައެއް މިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން ޢާއިލީ މައްސަލަތަކުގެ ގޮތުގައި 27 މައްސަލެއް ޖެންޑަރ މިނިސްޓްރީއަށް މިދިޔަމަހު ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައަކާއި، ކުދިން ބެލުމުގައި ދިމާވާ 8 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 3 މައްސަލައެއް ހިމެނެއެވެ.