އޭޕްރީލް މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމަށްފަހު އިދިކޮޅު ޕީޕީއެމްއަށް ދޫކުރަންޖެހޭ ފައިސާ ދޫކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން އެޕާޓީއަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީން ޕީޕީއެމަށާއި އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ދައުލަތުގެ މުއައްޒަފުންގެ އެޕްރީލް މަހުގެ މުސާރަދީ ނިންމައި، އެ ޕާޓީއަށް ދަޢުލަތުގެ ބަޖެޓުން ދޫކުރުމަށް ހަމަޖެހިފައިވާ ފައިސާ ދޫކުރާނެ ކަމަށެވެ. ނަމަވެސް ފައިސާ ދޫކުރާނެ ވަކި ތާރީޚެއް ސިޓީގައި ބުނެފައެއްނުވެއެވެ.
ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ދޫކުރާ ފައިސާގެ ތެރެއިން މިދިޔަ އަހަރު އެޕާޓީއަށް ކަނޑައަޅާފައިވާ ފައިސާ މިހާތަނަށްވެސް ދޫކޮށްފައި ނުވުމުން ސިވިލް ކޯޓުގައި ޕީޕީއެމްއިން ވަނީ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދަޢުވާވެސް ކޮށްފައެވެ. ދިހަހާސް މެންބަރުންނަށްވުރެ ގިނަ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު ޕީޕީއެމަކީ މިވަގުތު އެންމެ ގިނަ ޢާއްމު މެންބަރުން އޮތް ސިޔާސީ ޕާޓީއެވެ. އެޕާޓީއަށް ދަޢުލަތުގެ ބަޖެޓުން 18 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވަނީ ޕީޕީއެމަށް ފައިސާ ދޫނުކޮށް ހިފަހައްޓާފައި ވަނީ ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި މައްސަލަތަކަކާ ގުޅިގެން ކަމަށެވެ.
ޕީޕީއެމަށް ދަޢުލަތުން ލިބެންޖެހޭ ފައިސާ ލިބިފައިނުވާއިރު އެޕާޓީގެ ރަސްމީ ފޯނުލައިތަކަށް ފައިސާ ނުދައްކައިގެން މިހާރު ވަނީ ކަނޑާވެސްލައިފައެވެ. އަދި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއިން ކުރި ދަތުރުތަކަށް ފައިސާ ނުދައްކާ މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. އެ ދަތުރުތަކަށް ޕީޕީއެމްއިން އައިލެންޑު އޭވިއޭޝަނަށް 4.8 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. ނަމަވެސް އެއްބަސްވެފައިވާ ގޮތަށް ޕީޕީއެމްއިން ފައިސާ ދައްކާފައި ނުވާތީ އިލެކްޝަންސް ކޮމިޝަނުގައި އައިލެންޑް އޭވިއޭޝަނުން ވަނީ ޝަކުވާ ކޮށްފައެވެ. އެ ޝަކުވާތައް އެގޮތަށް ކުރުމުން ޕީޕީއެމްއިން ވަނީ އައިލެންޑު އޭވިއޭޝަނަށް އެއް މިލިއަން ރުފިޔާ ދައްކާފައެވެ.
ޕީޕީއެމްއިން ބުނެފައިވަނީ އެޕާޓީ ދަރަނިވެރިވެގެން ދިޔައީ ދަޢުލަތުގެ ބަޖެޓުން އެޕާޓީއަށް ލިބެންޖެހޭ އެއްވެސް ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.