ތަޢުލީމު

ސްކޫލްތަކުގައި އައިސީޓީ ބޭނުންކުރާނެގޮތުގެ މާސްޓަރ ޕްލޭނެއް ހަދަނީ


ރާއްޖޭގެ ސްކޫލްތަކުގައި އިންފޯރމޭޝަން ކޮންމިއުނިކޭޝަން ޓެކްނޮލޮޖީ އޮންނާނެ ގޮތުގެ މާސްޓަރ ޕްލޭނެއް ހެދުމަށް ޔުނެސްކޯއާއެކު މަޝްވަރާކުރަމުންދާކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެން.އައި.އީ އިން ވިދާޅުވެއްޖެއެވެ.

ސްކޫލްތަކުގެ އިސްވެރިންނަށް ކުރިއަށްގެންދާ " ނޭޝަނަލް ވޯކްޝޮޕް އިން އައިސީޓީ ކޮންޕީޓެންސީ ސްޓޭންޑަރޑްސް ޑިވެލޮޕްމަންޓް" މަސައްކަތު ބައްދަލުވުން ފެށުމަށް ބޭއްވި ރައްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަބްދުﷲ ރަޝީދް އަޙްމަދު ވިދާޅުވީ އައިސީޓީ ކިޔަވައިދިނުމަށް ޚާއްސަ މޮޑިއުލްތަކެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. އަދި ކިޔަވައިދިނުމުގައި ޓީޗަރުންގެ ހުންނަންޖެހޭ ހުނަރުތަކާއި ޤާބިލިއްޔަތުކަން ދެނެގަނެ، އެކަމަށް ޓީޗަރުން ތަމްރީން ކުރާނެ ގޮތް މި ވޯކްޝޮޕްގެ ޒަރިއްޔާއިން ދެނެގަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މީގެ 4 ވޯކްޝޮޕް ކުރިއަށްގެންދާނަން. އައިސީޓީގެ ރޮނގުން ހުންނަންޖެހޭ ގާބިލިއްޔަތުތައް ދެނެގަތުމާއި، ޓީޗަރުން ތަމްރީންކުރުމަށް ޓްރެއިނަރުން އުފެއްދުމާއި، އައިސީޓީ ސްކޫލްތަކުގައި އޮންނާނެގޮތުގެ މާސްޓަރ ޕްލޭނަށް ބޭނުންވާ މަޝްވަރާތައް ހިމެނޭ." ޑރ ޢަބްދުﷲ ރަޝީދް ވިދާޅުވިއެވެ.

އައިސީޓީއަށް ސްކޫލްތައް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލިޖީ މަލީހު ޖަމާލްއެވެ.

މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ މަލީހް ވިދާޅުވީ ޒަމާނަށް އަންނަ ބަދަލު ތަޢުލީމް އުނގަންނައި ދިނުމުގެ ދާއިރާއިން ފެންނަންޖެހޭކަމަށެވެ. އަދި އައިސީޓީ ދާއިރާއިން ސްކޫލްތައް އިތުރަށް ތަރައްޤީ ކުރުމަށް ކުރާ މަސައްކަތުގައި ޓެކްނޮލޮޖީ މިނިސްޓްރީގެ އެހީތެރިކަން ފުރިހަމައަށް ލިބޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މަލީޙް ވިދާޅުވީ ވަސީލަތްތައް ޤާއިމްކުރިނަމަވެސް އޭގެ ބޭނުން ކުރަން ނޭނގި ނުވަތަ އޭގެ ބޭނުން ނުހިފާނަމަ، ބުރަ މަސައްކަތުން ތަރައްޤީކުރާ ވަސީލްތަކުގެ ބޭނުމެއް ނެތްކަމަށެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފަން އެނގޭ، އަދި ދަރިވަރުންނަށް މަޢުލޫމާތު އުނގަންނައިދޭން އެނގޭ ބަޔަކަށް ސްކޫލްތަކުގެ އިސްވެރިންނާއި މުދައްރިސުން ވާންޖެހޭކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އައިސީޓީއަކީ ކުއްޖާ ދުނިޔެއަށް ލޯހުޅުވި، ޚިޔާލާއި ވިސްނުން ތަރައްޤީކޮށް، އުފެއްދުންތެރިކަން އިތުރުކުރުމަށް މުހިންމު ކަމެއްކަމަށެވެ.

"ކުއްޖާއަށް އެބަ ފުރުސަތު ލިބޭ އެކި ދާއިރަތަކުން މަޢުލުމާތު ހޯދަން. އެކަންކަން ބަލާ ދިރާސާކޮށް، އުފެއްދުންތެރި ބަޔަކަށްވާން. އެކަމަށް މި މަގުފަހިކޮށްދެނީ." މިނިސްޓަރ މަލީހް ވިދޅުވިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި، ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަނާއި، ޔުނެސްކޯ ގުޅިގެން ކުރިއަށްގެންދާ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތައުލީމީ ދާއިރާއާއި ގުޅުންހުރި މުއައްސަސާތަކާއި، އަތޮޅުތަކުގެ ބައެއް ސްކޫލްތަކާއި، ކޮލެޖުތަކުގެ އިސްފަރާތްތައް ހިމެނޭހެން 35 މީހުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ސެޝަންތަކުގަިއ މަޢުލޫމާތު ދެއްވަނީ ޔުނެސްކޯއިން ހަމަޖައްސާފައިތިބި ތަޖުރިބާކާރުނެވެ. މި ބައްދަލުވުން މޭ މަހުގެ ދެވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެއެވެ.