ސިޔާސީ

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދަޢުވާ ކުރަން ޕީޖީއަށް ފޮނުވަނީ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސުންގަޑި ހަމަވިއިރު މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނާއި ދަޢުވާ ކުރުމަށް މިހަފްތާ ފޮނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނަށް ދަޢުވާ ކޮށްދިނުމަށްޓަކައި މި ހަފްތާގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖ) އޮފީހަށް ފޮނުވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

މާލީ ބަޔާން ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ ސުންގަޑި ހަމަވިއިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައެއްނުވެއެވެ. ސުންގަޑި ހަމަވިއިރު މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓެކެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

  • މާލީ ބަޔާން ހުށަނާޅާ ފަރާތްތައް:
  • އަމިއްލަ ކެންޑިޑޭޓުން: 31
  • ޕީޕީއެމްގެ ކެންޑިޑޭޓުން: 2
  • ޕީއެންސީގެ ކެންޑިޑޭޓުން: 1
  • އަދާލަތުގެ ކެންޑިޑޭޓުން: 1
  • އެމްޓީޑީގެ ކެންޑިޑޭޓުން: 2
  • ލޭބަރ ޕާޓީގެ ކެންޑިޑޭޓުން: 2

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000-24،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ޤާނޫނުގައި މިހާރު ބުނެފައިވެއެވެ.

ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއިންނެވެ.