ޚަބަރު

ވެޓަރަންސް މުބާރާތުން ވެލެންސިއާ އާއި ނިއުރޭޑިއަންޓް ނުފެންނާނެ


ކޮންމެ ރޯދަ މަހަކު ބާއްވާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގައި މި އަހަރު ރާއްޖޭގެ އެންމެ ބޮޑު ދެ ކުލަބު ކަމަށްވާ ވެލެންސިއާ އާއި ނިއުރޭޑިއަންޓް ބައިވެރިނުވާން ނިންމައިފިއެވެ.
މި ދެ ޓީމަކީ މުބާރާތުގެ އެންމެ ކާމިޔާބު ދެ ޓީމެވެ.
އެގޮތުން، ވެލެންސިއާ ފަސް ތަށި ހޯދާފައިވާއިރު ނިއު ވަނީ ތިން ފަހަރު ތަށި ހޯދައިފައެވެ.
މި ދެ ޓީމު ނުކުޅެން ނިންމި ނަމަވެސް ތިން އަހަރަށް ފަހު ސޮކާ ވެޓަރަންސް އެސޯސިއޭޝަން މި އަހަރުގެ މުބާރާތުގައި ވާދަކުރާނެއެވެ.
އެ ޓީމަށް ކުޅޭނީ ނިއުރޭޑިއަންޓް ޓީމެވެ.
ވެލެންސިއާގެ ގިނަ ކުޅުންތެރިން ކުޅެނީ ބ. އޭދަފުށީ ވެޓަރަންސް ޓީމަށެވެ.
އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ މި އަހަރުގެ މުބާރާތުގައި ވާދަނުކުރަން ނިންމީ އެ ޓީމުގެ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައި އޮތުމުންނެވެ.
ނިއު އަށް ވާދަނުކުރެވެނީ ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލާގައި އެފްއޭއެމުން ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ނިއު ސަސްޕެންޑްކޮށްފައި އޮތުމުންނެވެ.