ސިޔާސީ

ރައީސް ޞާލިޙް ވޭމަންޑޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ވޭމަންޑޫ ކައުންސިލް މެމްބަރުންވަނީ އެރަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްޞާ ކުރައްވާފައެވެ.

ކައުންސިލް މެމްބަރުން ވަނީ އެއީ އެއަތޮޅުގެ ވެރިކަންކުރާ ރަށަށްވުމުން ވެރިކަންކުރާ ރަށެއްގެ ސިފަ ލިބުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންނަށް ލިބެންޖެހޭ ބައެއް އަސާސީ ޚިދުމަތްތައް އެރަށުގައި ފުރިހަމަ ނުވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން އެރަށަކީ ކޮންމެ ދުވަހަކުވެސް ގިނަބަޔަކު ޒިޔާރަތްކުރާ ރަށެއް ނަމަވެސް އެކަށީގެންވާ ބަނދަރެއް ނެތުމުން ދިމާވާ ދަތި އުނދަގޫތަކާއި ވޭމަންޑޫގެ މަގުތައް އޮތްޙާލަތުން ރައްޔިތުންނަށް ދިމާވާ ތަކުލީފްތައް ވޭމަންޑޫ ކައުންސިލް މެމްބަރުން ރައީސްއާ ހިއްޞާ ކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލު ކޮށްދެއްވުމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ހުރިހާ ގޮތަކުން ކައުންސިލްތައް ބާރުވެރި ކުރުވައި، ލާމަރުކަޒީ ނިޒާމުގެ ދަށުން ވެރިކަން ހިންގެވުމަށްޓަކައި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އެމަނިކުފާނު ވަނީ އަލިއަޅުއްވައިލައްވާފައެވެ.