ސިޔާސީ

މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި މެދު ގޮތެއް ނިންމުން މާދަމާ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސުންގަޑި ހަމަވިއިރު މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކެންޑިޑޭޓުންނާއި މެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންނާއި މެދު ޤާނޫނުގައި ބުނެފައިވާ ފިޔަވަޅު އެޅުމާއި މެދު މާދަމާ އެ ކޮމިޝަނުގެ ބައްދަލުވުމެއް ބާއްވާ އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ. އިލެކްޝަނުން ދެއްވާފައިވާ ސުންގަޑި ހަމަވިއިރު މާލީ ބަޔާން 39 ކެންޑިޑޭޓަކު ހުށަހަޅާފައެއްނުވެއެވެ.

ރޭގެ 12:00އަށް މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަހަޅާފައިވަނީ 347 ކެންޑިޑޭޓެކެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

  • މާލީ ބަޔާން ހުށަނާޅާ ފަރާތްތައް:
  • އަމިއްލަ ކެންޑިޑޭޓުން: 31
  • ޕީޕީއެމްގެ ކެންޑިޑޭޓުން: 2
  • ޕީއެންސީގެ ކެންޑިޑޭޓުން: 1
  • އަދާލަތުގެ ކެންޑިޑޭޓުން: 1
  • އެމްޓީޑީގެ ކެންޑިޑޭޓުން: 2
  • ލޭބަރ ޕާޓީގެ ކެންޑިޑޭޓުން: 2

އެމްޑީޕީން ބުނެފައިވަނީ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެވެސް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. މާލީ ބަޔާން ހުށަނާޅާ ޕާޓީތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެއް ނުހިމެނެއެވެ.