އަންހެނުން ބާރުވެރި ނުވެގެން އުޅެނީ ޤާނޫނުތައް ނެތިގެން ނޫންކަމަށާއި ހެދިފައި ހުރި ޤާނޫނުތައް ތަންފީޒު ނުކުރެވޭތީކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
ސިޔާސީ ގޮތުން އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ގޮތުން މަޝްވަރާކޮށް އެކަމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ޔޫއެންޑީޕީ ގުޅިގެން ދެ ދުވަހުގެ މުއްދަތައް ހޮޓެލް ޖެންގައި ކުރިއަށްގެންދާ "ސިމްޕޯޒިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން" މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވީ އަންހެނުން ބާރުވެރިކުރުވުމަށް ވަރަށް އެކަށޭނެ ޤާނޫނުތައް ރާއްޖޭގައި ހެދިފައި އެބަހުރިކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ޖެންޑަރ އީކުއަލިޓީގެ ޤާނޫނު ތަސްދީޤު ކުރެވުނުތާ ތިން އަހަރު އަންނަ އޯގަސްޓް މަހު ފުރޭއިރު އަންހެނުން ސިޔާސީ މައިދާނުގަޔާއި އިގްތިޞާދީ އަދި އިޖުތިމާޢީ ކަންކަމުގައިވެސް އެކަށީގެންވާ މިންވަރަށް އަންހެނުން ބާރުވެރި ކުރުވިފައި ނުވާކަމަށެވެ.
ރާއްޖޭގެ އާބާދީގެ ނިސްބަތުން ފިރިހެނުންނާ އެއްވަރަކަށް އަންހެނުން ތިބިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައިވެސް އަންހެނުންގެ ދައުރު ކުޑަކަމަށެވެ. އަދި އެކަން ވޭތުވެދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުން ފެނިގެން ގޮސްފައިވާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.