ވިޔަފާރި

ދެކުނު އޭޝިއާގެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް!


މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިއްޖެއެވެ.
ދެކުނު އޭޝިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ގާތްގަނޑަކަށް ދެ ގުނައަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އެންމެގިނައިން ފަތުރުވެރިން އަންނަނީ، އިންޑިއާ، ސްރީލަންކާ އަދި ޕާކިސްތާނުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި، ދެކުނު އޭޝިއާގެ ޤައުމުތަކުން ވަނީ ރާއްޖެއަށް 42,121 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 25,667 ފަތުރުވެރިންނަށް ވުރެ، %64 އިތުރު އަދަދެކެވެ

ދެކުނު އޭޝިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދަށް މިހާ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަށް ލިބުނު ކުރިއެރުމާއި އެކު އެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއިން ރާއްޖެއަށް ތިރީސް ހަ ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، %85.5 އިތުރު އަދަދެކެވެ. ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 19،435 ފަތުރުވެރިންނެވެ.

ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ދެން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ސްރީލަންކާއިން ނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 2،800 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ %5 ގެ ކުރިއެރުމެކެވެ.

މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ވަނީ ހުސްވި އަހަރުގެ މު މުއްދަތާ އަޅާ ބަލާއިރު %15 އިތުރުވެފައެވެ. މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ، 482،978 ފަތުރުވެރިންނެވެ.