ސިޔާސީ

ސުންގަޑި ހަމަވިއިރު 39 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަނާޅާ


ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ސުންގަޑި ހަމަވިއިރު މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް 39 ކެންޑިޑޭޓަކު ހުށަހަޅާފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިރޭގެ 12:00އަށް މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން 347 ކެންޑިޑޭޓަކު މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މާލީ ބަޔާން ހުށަނާޅާ ފަރާތްތައް:

އަމިއްލަ ކެންޑިޑޭޓުން: 31
ޕީޕީއެމްގެ ކެންޑިޑޭޓުން: 2
ޕީއެންސީގެ ކެންޑިޑޭޓުން: 1
އަދާލަތުގެ ކެންޑިޑޭޓުން: 1
އެމްޓީޑީގެ ކެންޑިޑޭޓުން: 2
ލޭބަރ ޕާޓީގެ ކެންޑިޑޭޓުން: 2

އެމްޑީޕީން ބުނެފައިވަނީ މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑީގެ ކުރިން އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެވެސް މާލީ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. މާލީ ބަޔާން ހުށަނާޅާ ޕާޓީތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭއެއް ނުހިމެނެއެވެ.