ސިޔާސީ

ސުންގަޑީގެ ކުރިން އެމްޑީޕީ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅައިފި


މި މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނަށް މާލީ ބަޔާން ހުށަހެޅުމަށް އޮތް ސުންގަޑީގެ ކުރިން އެޕާޓީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި 85 ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

އިންތިޚާބުން ބަލިވިއަސް އަދި އިންތިޚާބުން މޮޅުވި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ ކެނޑިޑޭޓެއްގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް 30 ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭނެއެވެ.

އަނަސްގެ ޓްވީޓު ---

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހޭނެ ކަމަށްވެސް އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ.