ސިޔާސީ

ސިޔާސީ މަޝްރަހުގައި ގޮތް ނިންމާ ޕާޓީއަކަށް ޕީއެންސީ ވެގެންދާނެ - ޢަބްދުއްރަޙީމް


ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ގޮތް ނިންމާ ޕާޓީއަކަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ވެގެންދާނެ ކަމަށް އެޕާޓީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މަތީ ޖަލްސާ ނުވަތަ ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެޕާޓީ އުފެދިގެން އައީ ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު ސިޔާސީ ލީޑަރުގެ ވިސްނުންފުޅުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ ޕީއެންސީ އަކީ އޭނާގެވެސް އަދި ޕާޓީގެ ދެން ތިއްބެވި ނާއިބު ރައީސުންގެވެސް ޕާޓީއެއް ނޫން ކަމަށާއި އެޕާޓީގެ ޙައްޤުވެރިއަކީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ކަމަށެވެ.

"މި ރާއްޖޭގެ ސިޔާސީ މައިދާނުގައި ދެން ކޮންގްރެސް ޕާޓީގެ އަޑު ކަނޑުވައެއް ނުލެވޭނެ. މި ސަރުކާރު ޖަވާބު ދާރީ ކުރުވުވުމުގައި ކޮންގްރެސް ޕާޓީ ތެދުވާނީ ސާބިތުކަމާއެކު ބުނަންޖެހޭ ބަސް ބުނާނީ ނިކަން ކެރިގެން ސާބިތުކަމާއެކުގައި. ކޮންގްރެސް ޕާޓީ ދެން މި ރާއްޖޭގެ ރިޔާސަތާ ހަވާލުވާނެ ކަމާ ދޭތެރޭގައި އިރާދަކުރެއްވިއްޔާ ޝައްކެއް ނެތް،" ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި މަހުގެ ހަވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެން ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ވިދާޅުވީ އިންތިހާބަކުން ބަލިވުމަކީ ސިޔާސީ މައިދާނުން ދުރަށްދާން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އަދި އެކަމުގައި ލީޑާޝިޕް އިސްތިއުފާ ދޭންޖެހޭ ސަބަބެއްވެސް ނެތް ކަމަށް ޢަބްދުއްރަހީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ސަރުކާރަށް ލިބުނީ "މަކަރު ހަދައިގެން، ވަގު ހަދައިގެން" ކަމަށެވެ.

"ރިޔާސީ އިންތިޚާބު ވަގަށް ނެގީ. މަޖިލިސް އިންތިޚާބު ވަގަށް ނެގީ. ލީޑާޝިޕްގެ އެއްވެސް އިހުމާލެއް އޮވެގެން ނޫން. އާންމު ރައްޔިތުންގެ ވެސް މައްސަލައެއް ނޫން. ސަރުކާރުގެ ނުފޫޒު އިންތިހާބަށް ފޯރާފައިވާ ކަމުގެ ހެއްކަކީ ކޮމަންވެލްތުން ނެރުނު ރިޕޯޓު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީއެންސީގެ ލީޑާޝިޕަށް އަންނަ ކޮންމެ ބޭފުޅަކަށްވެސް މަރުޙަބާ ކިޔުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. ނަމަވެސް އެކަން ކުރަންޖެހޭނީ އޮންނަ އުޞޫލަކުން ކަމަށާއި "ތަބަކަކަށް ލާފައި މަޤާމު ހަވާލުކުރާ ޒަމާން މާޒީގެ ތެރެއަށް ދޫކޮށްލައިފިން." ކަމަށް ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.