ޚަބަރު

ދިވެއްސެއްގެ އަންބަކު އިންޑޮނޭޝިއާގެ މަޖިލިސް އިންތިޚާބު ކާމިޔާބުކޮށްފި


އިންޑޮނޭޝިއާގެ ރައްޔިތުންގެ މަޖިލީހަށް ދިވެއްސެއްގެ އަނބިކަނބަލެއް އިންތިޚާބުވެވަޑައިގެންފިއެވެ. އިންތިޚާބުވެވަޑައިގެންފައިވަނީ އިންޑޮނޭޝިއާ މަޖިލިސް އިންތިޚާބުގައި އެ ގައުމުގެ ޖަކާޓާ ސައުތު ދާއިރާއަށް ވާދަކުރެއްވި ތަތީ ރަހުމަވަތެވެ. އޭނާއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަހްމަދު ހަލީމްގެ އަނބިކަނބަލުންނެވެ.

ޙަލީމްގެ އަނބިކަނބަލުން އިންތިޚާބު ކާމިޔާބު ކުރެއްވީ 180 ކެންޑިޑޭޓުންނާއި ވާދަކޮށްގެންނެވެ. މި އިންތިޚާބުގައި އެ ދާއިރާއަށް ހަތަރުލައްކަ މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވެއެވެ. ޙަލީމްގެ އަނބިކަނބަލުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި މިއީ ދެވަނަ ފަހަރެވެ. މީގެކުރީގެ އިންތިޚާބުގައިވެސް ޙަލީމްގެ އަނބިކަނބަލުން ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް އެފަހަރު އެހާބޮޑު ކާމިޔާބީއެއް ނުލިބެއެވެ.

"މިފަހަރު އަޅުގަނޑުމެން ކެމްޕެއިން ތަފާތުކޮށްލީ. ކެމްޕެއިން ކުރަން ފެށުމުގެ ގޮތުން އަޅުގަނޑު ވައިފް ގާތުގައި ބުނިން، ރާއްޖޭގައި ކެމްޕެއިން ކުރަނީ މިހެނޭ. ޑޯޓުޑޯ ޖައްސައިގެން ކޮންމެ މީހެއްގެ ގާތަށް ވަކިން ގޮސްގެން ވާހަކަދައްކައިގެންނޭ. ދެން އެގޮތަށް އަޅުގަނޑުމެން ކެމްޕެއިން ބަދަލުކޮށްލީ. ބޮޑަށް ރާއްޖޭގެ ކެމްޕެއިން ކުރުމުގެ އުކުޅުތައް ބޭނުންކުރީ،" ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި އަންހެން މެންބަރަކު މަޖިލީހުގައި އިންނަންޖެހޭ ސަބަބުތައް ރައްޔިތުންނަށް ކިޔާދީފައިވާ ކަމަށެވެ. އަންހެނުން ބާރުވެރި ކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި އެކަންކަން ކުރެވޭނީ އަންހެން ކަނބަލަކު މަޖިލީހުގައި އިންވައިގެންކަން ރައްޔިތުންނަށް ކެމްޕެއިންގެ ތެރެއިން ވިސްނައިދިން ކަމަށް ޙަލީމް ވިދާޅުވިއެވެ.

"ހަމަސް ދުވަހު އަޅުގަނޑުމެން ކެމްޕެއިން ކުރިން. ދެން މިދެންނެވި ގޮތަށް އަޅުގަނޑުމެން ކަންކަން ކުރުމުގެ ސަބަބުން އަންހެން ވެރިންތައްވެސް އަޅުގަނޑު އަންހެނުންގެ ކެމްޕެއިނަށް ޢަމަލީ ގޮތުންވެސް ނިކުމެ މަސައްކަތް ކޮށްދިން. ދެން އެމީހުން އަޅުގަނޑުމެން ގާތުގައި އެހިން ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށް މިހާރު ކަންކަން ކުރެވޭހޭ. ގޭގައި ތިބިގެން އާމްދަނީ ހޯދޭނެ ގޮތްތައް މަގުފަހު ވެފަހޭ އޮތީ. ކުރިން މިކަން އޮތީ ކިހިނެއްހޭ. އަޅުގަނޑުމެން ބުނިން ކުރިން ވަރަށް އުނދަގުލޭ. މަޖިލީހުގައި އަންހެނުންގެ ދިފާޢުގައި ވާހަކަދެއްކުމަށްވެސް އަދި ސިޔާސީ މައިދާނުގައިވެސް އަންހެން ކަނބަލުން އެހާ ގިނައެއް ނުވާނޭ،" ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ ކެމްޕެއިންގެ ތެރޭގައި ތަފާތު އެކި ގިނަ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ތަފާތު އެކި މުބާރާތްތަކެއް ކުރިއަށް ގެންދިޔަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޙަލީމް ވިދާޅުވި ގޮތުގައި މުބާރާތްތަކުގެ އިތުރުން އިޖުތިމާޢީ އަދި ދީނީ ޙަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އެކި ކަންކަން ކެމްޕެއިންގެ ތެރެއިން އެކި އިވެންޓުތަކެއް ކުރިއަށް ގެންދިޔައީ. މިސާލަކަށް ކަސްރަތު ކުރުމުގެ ޙަރަކާތްތަކެއް. ދީނީ ނަސޭހަތް ދިނުން ގުރުއާން ކިޔެވުމުގެ ޕްރޮގްރާމުތަކެއް،" ކެމްޕެއިންގެ ތެރޭގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކާއި ގުޅޭގޮތުން ޙަލީމް ވިދާޅުވިއެވެ.

ޙަލީމް ވިދާޅުވީ އޭނާގެ އަނބިކަނބަލުންނަކީ މަޖިލިސް މެންބަރެއްގެ ސެކްރެޓޭރިއަޓުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ. އިންޑޮނޭޝިއާގައި މަޖިލިސް މެންބަރުން ކުރަން ހުންނަ ގިނަ މަސައްކަތް ކުރާނީ މެންބަރުގެ ސެކްރެޓޭރިއަޓު ކަމަށް ޙަލީމް ވިދާޅުވިއެވެ. އެއީ ބިލެއް ހުށަހަޅަން ޖެހުނަށް އަދި ބިލަކަށް އިޞްލާޙެއް ހުށަހަޅަންޖެހުނަސްމެއެވެ.