އަމީނިއްޔާ ސްކޫލަށް 75 ވަނަ އަހަރު ފުރޭ އަލިމަސް ޔޫބީލްގެ ފާހަގަކުރުމުގެ ގޮތުން ޚާއްސަ ފުޓްބޯޅަ މެޗެއް ކުޅެފިއެވެ. މި މެޗް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދުގެ ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.
މި މެޗްގައި ފުރަތަމަ ކުޅެފައިވަނީ އަމީނިއްޔާ ސްކޫލްގެ އިސްދަރިވަރުން ހިމެނޭ ދެ ޓީމެވެ. އެއަށް ފަހު ދެވަނަ މެޗުގައި ކުޅެފައިވަނީ އަމީނިއްޔާ ސްކޫލެގައި މިހާރު ތަޢުލީމް ހާސިލްކުރަމުންދާ 16 އަހަރުން ދަށުގެ ފިރިހެން ދަރިވަރުންނާއި އެ ސްކޫލްގެ ފިރިހެން ޓީޗަރުންނެވެ.
މި މެޗަކީ ތާރިޚީ މެޗެއްކަން އަމީނިއްޔާ ސްކޫލްއިން ފާހަގަކުރެއެވެ. މި މެޗް ނިންމާލުމަށްފަހު ވަނީ ކުޅުންތެރިންނަށް މެޑަލް ހަވާލުކޮށްފައެވެ. މި މެޗް ބައްލަވާމަށްޓަކައި ރައީސްގެ އަނބިކަނބަލުންގެ އިތުރުން އަމީނިއްޔާ ސްކޫލްއިން ތަޢުލީމް ޙާސިލްކުރި ގިނަ އަދަދެއްގެ މީހުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ކުރީގެ ސަރުކާރުތަކުގެ އިސް މަޤާމުތައް ފުރުއްވި ބައެއް ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އަމީނިއްޔާ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމަށްޓަކައި މީގެ ކުރިންވެސް ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އަމީނިއްޔާ ސްކޫލްގެ އަހަރީދުވަސް ފާހަގަކުރުމަށްޓަކައި މިއަހަރު އެކި ދުވަސްތަކުގެ މައްޗަށް ބަހާލައިގެން ޙަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. މިމަހުގެ ތެރޭގައިވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށްވަނީ ރާވާފައެވެ. އަމީނިއްޔާ ސްކޫލްގައި ކިޔަވައިދޭން ފަށާފައިވަނީ 1944 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. މިއަހަރުގެ ނޮވެމްބަރު 28 ގައި އެ ސްކޫލަށް 75 އަހަރު ފުރޭނެއެވެ.