ކުޅިވަރު

މޯލްޑިވިއަން ކަޓުވާލުމަށްފަހު އިންޑަސްޓްރިއަލް ޒޯން ކްލަބް މޯލްޑިވްސްގެ ކުއާޓަރ ފައިނަލަށް



އެންމެ ފަހުގެ ރަނާސްއަޕް މޯލްޑިވިއަން މުބާރާތުން ކަޓުވާލުމަށްފަހު އެންމެ ފަހު ޗެމްޕިއަނުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލަށް ދަތުރުކޮށްފިއެވެ.
މުބާރާތުގެ ދެވަނަ ބުރުގައި ރޭ މިދިޔަ އަހަރުގެ ޗެމްޕިއަނުންނާއި ރަނާސްއަޕް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ ދެޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މިމެޗުގައި ބޮޑަށް ބޯޅަހިފަހައްޓައިގެން ކުޅުނީ ޖީ.އެމް.އައި.ޒެޑް.އެލް ޓީމުންނެވެ. ދެޓީމުންވެސް މޮޅު ކުޅުންތެރިންތަކެއް ފެނިގެންދިޔަ މިމެޗުން މޮޅުވި ޓީމެއް ކަނޑައަޅަން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކަށްވެސް ތިން ޕެނަލްޓީ ލިބުނުއިރު ޖީ.އެމް.އައި.ޒެޑް.އެލް ޓީމުން ވަނީ އެޓީމުގެ ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. މޯލްޑިވިއަން ޓީމަށް ކާމިޔާބުކުރެވުނީ ތިން ޕެނަލްޓީގެ ތެރެއިން އެންމެ ޕެނަލްޓީއެކެވެ.

މެޗަށްފަހު ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް ޓީމުގެ ފޯވާޑް އަބްދުﷲ ޒިޔާން ބުނީ މިއީ ވަރަށް އުނދަގުލުން ލިބުނު މޮޅެއް ކަމަށެވެ. އަދި މޯލްޑިވިއަން ޓީމުން ނިކުތީ މިދިޔަ އަހަރުގެ ފައިނަލްގައި ބަލިވުމުން އޭގެ ބަދަލުހިފަން ކަމަށާއި އެކަން އެޓީމަށް ހާސިލް ނުކުރެވުނީ ޖީ.އެމް.އައި.ޒެޑް.އެލް ޓީމުން ކުރި މިއްނެތް މަސެއްކަތުން ކަމަށްވެސް ޒިޔާން ފާހަގަކުރިއެވެ.

މެޗަށްފަހު މޯލްޑިވިއަންގެ ކޯޗު އަހުމަދު އަލީ(މަޑޭ) ބުނީ މިމެޗުގައި އޭނާގެ ޓީމުން ކުރި މަސައްކަތާއިމެދު ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. އަދި ޖީ.އެމް.އައި.ޒެޑް.އެލް ފަދަ ވަރުގަދަ ޓީމެއް ގޯލެއް ޖެހިއަނުދީ ހިފަހައްޓާލެވުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.