ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން އުރީދޫ ޖާގަ ހޯދައިފި


ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން އުރީދޫ ޖާގަ ހޯދައިފިއެވެ.
އުރީދޫ ކުއާޓަރ ފައިނަލުން ޖާހަ ހޯދާފައި ވަނީ މުބާރާތުގެ ދެވަނަ ބުރުގައި ޕޮލިސް ކުލަބް 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑްނެގީ ޕޮލިސް ކުލަބްއިންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ނާޝިދު އަލީއެވެ. މިމެޗްގައި ދެ ޓީމްއިންވެސް ގިނަ ހަމަލާތަކެއް ދެ ޓީމްގެ ގޯލްއާއި ދިމާލަށް ފޮނުވާލާފައިވެއެވެ. އަދި ޕޮލިސް ކުލަބް އާއި އުރީދޫ ޓީމްގެ ކީޕަރުންވަނީ ގިނަ ސޭވްތަކެއްވެސް ކޮށްފައެވެ. މެޗްގެ ފުރަތަމަ ހާފްގައި އުރީދޫއަށް ވުރެއް ގިނަ ހަމަލާތަށް އުފައްދާފައިވަނީ ޕޮލިސް ކުލަބްއިންކަން ފާހަގަކޮށްލެވެއެވެ.

ދެ ޓީމްގެ ފަރާތުންވެސް ގިނަ ފައުލްތަކެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އުރީދޫއިން ވަނީ ލަނޑެއްޖަހާ މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ގައުމީ ޓީމްގެވެސް ފޯވާޑް އަލީ ފާސިރު (ސެންޓޭ)އެވެ.

މެޗްގެ ދެވަނަ ހާފްގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރަށް އަވަސް ކުޅުމެކެވެ. ޕޮލިސް ކުލަބްއަށް ގޯލް ޖަހާނެ ތިން ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ހިފޭގޮތް ވަނީ ނުވެފައެވެ. ނަތީޖާއެއްގެ ގޮތުން އުރީދޫއިންވަނީ ލަނޑެއްޖަހާ ލީޑް ނަގާފައެވެ.

މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު)ސެންޓޭ( ގެ ބޭބެ މުހައްމަދު ފާސިރު. އުރީދޫގެ ދެވަނަ ލަނޑަށްފަހު މެޗްގެ ފޯރި އިތުރުވެގެންދިޔައެވެ. ޕޮލިސް ކުލަބްއިންވެސް ކުޅުން ރަގަނޅުކޮށް ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އަދި ރެފްރީގެ ބައެއް ނިންމުންތަކާއި ހިންހަމަ ނުޖެހިގެން ޕޮލިސް ކުލަބްއިން ދިޔައީ ވަރަށް ބޮޑަށް އެކަން ފާޅު ކުރަމުންނެވެ.

މެޗްއަށްފަހު އުރީދޫ ޓީމްގެ ކޯޗް އާފިޢު މުހައްމަދު ބުނީ އުރީދޫއަށް ވުރެއް ޓީމްއެއްގެ ގޮތުގައި މޮޅަށް ކުޅުނީ ޕޮލިސް ކުލަބްކަމަށާއި އަދި ފިޓްނަސް ލެވެލްވެސް ޕޮލިސް ކުލަބް މާރަގަނޅުކަމަށެވެ. އުރީދޫއަށް މެޗް ލިބުނީ ލިބުނު ފުރުސަތު ތަކުގެ ތެރެއިން ދެ ފުރުސަތެއްގެ ބޭނުން ހިފުމުންކަމަށެވެ. އަދި މެޗްގެ އެންމެ ފަހު ވަގުތު ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ވަރަށް ހިންހަމަޖެހޭކަމަށް އުރީދޫ ޓީމްގެ ކޯޗް އާފިޢު މުހައްމަދު ބުންޏެވެ.