ޚަބަރު

ބައިކް މޯލްޑިވްސްގެ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތް ނިންމާލާއިފި


ބައިކް މޯލްޑިވްސްގެ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތް ނިންމާލާއިފިއެވެ. މިމުބާރާތް ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ބައިކް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ދެދުވަހުގެ މުއްދަކަތަށް ކުރިއަށްގެންދިޔަ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތުގައި އެކި 460 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަމަށް ބައިކް މޯލްޑިވްސްއިން ބުނެއެވެ. އެކި އުމުރު ފުރާއަށް ބަހަލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި މާލޭއާއި ހުޅުމާލޭގެ ސްކޫލްތަކުން ވަނީ ބައިވެރިވަފައެވެ. މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ 12 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އުމުރުފުރާތަކަށެވެ. އެހެން ހުރިހާ ޢުމުރު ފުރާއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާފައިވެއެވެ. އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން ވަނީ "ފަންރައިޑް"ގެ ނަމުގައި ބައިސްކަލް ދުއްވާލުމުގެ ބުރެއްވަނީ ކުރިޔަށް ގެންގޮސްފައެވެ.

ބާރަ އަހަރުން ދަށުގެ ކުދިންގެ ފަންރައިޑް ފައްޓަވާ ދެއްވީ ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ރައިޑްގައި ބައިވެރިވި ކުދިންނަށް ޚާއްސަ މެޑަލް ޙަވާލުކޮށްދެއްވީވެސް އެމަނިކުފާނެވެ.

ސްކޫލް ކުދިންގެ ބޮޑު ސަމާލުކަމެއް މި މުބާރާތަށް ލިބިގެން ގޮސްފައިވާއިރު މިއީ ބައިކް މޯލްޑިވްސް އިން މިމުބާރާތް ބޭއްވި ދެވަނަ ފަހަރެވެ. މިމުބާރާތް އަންނަ އަހަރު މިއަށްވުރެ ފުޅާކޮށް ކުރިއަށް ގެންދިޔުމަށް އެޖަމްޢިއްޔާއިން ގެންދަނީ މަސައްކަތްކުރަމުންނެވެ.

މި މުބާރާތް އިތުރަށް ހަރުދަނާކޮށް ވާދަވެރި މުބާރާތަކަށް ހެދުމަށް ސްކޫލްތަކުން ދޭ އެއްބާރުލުން އިތުރުކުރުމަށް ބައިކް މޯލްޑިވްސް އެދެއެވެ. އަދި ބައިސްކަލާއި ރަޙުމަތްތެރި ވެއްޓެއް ޤާއިމުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ބުރިޖު ހުރަސްކޮށް ބައިސްކަލު ދުއްވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައިކް މޯލްޑިވްސްއިން ވަނީ ފާހަގަކޮށްފައެވެ.