2019 ވަނަ އަހަރުން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްފިއެވެ.
މި ޕްލޭން އިފްތިތާހްކޮށްފައިވަނީ ދިވެހި ރެޑް ކްރެސެންޓްގެ 10 ވަނަ އާންމު ޖަލްސާގެ ތެރެއިންނެވެ.
މިއީ 12 އަހަރަށް އަމާޒުކޮށް އެ ޖަމާޢަތުން އިފްތިތާޙްކުރި ތިންވަނަ ސްޓްރެޓީޖިކް ޕްލޭނެވެ. މި ޕްލޭންގައި 2030 ވަނަ އަހަރާ ހަމައަށް އެ ޖަމާއަތުގެ މަސައްކަތުގެ މަސްދަރުތަކާއި ތަޞައްވަރު ހިމަނާފައިވާނެ ކަމަށް ރެޑްކްރެސެންޓުން ބުނެއެވެ. މި ސްޓްރެޓީޖިކް ޕްލޭންގައި ހަ ދާއިރާއަކަށް އިސްކަންދޭނެއެވެ. އެއީ ކުއްލި ހާލަތްތަކަށް އިޖާބަދިނުން ވަރުގަދަ ކުރުމާއި ފުރަތަމަ އެހީއާއި ނަފްސާނީ އިޖްތިމާޢީ ޚިދުމަތްތައް ވަރުގަދަކުރުމާއި ވިލުންވެރިކަން އިތުރުކުރުމަށް ތަރައްޤީގެ ޕްލޭންތައް ރޭވުމަށް ވަގިވެރިވުމެވެ. އަދި ބަދަލުވަމުންދާ ދުނިޔެއެއްގައި މުޖުތަމަޢުގެ ސިއްޙަތާއު ދުޅަހެޔޮކަން އިތުރުކުރުމާއި އިންސާނިއްޔާތުކަމުގެ އުޞޫލުތަކާއި ދަރުމަވެރިކަން ފުޅާކުރުމުގެ އިތުރަށް އެ ޖަމާއަތުގެ ތަރައްޤީއާއި ދެމެހެއްޓެނިވިކަމަށް އިސްކަންދިނުމަށް މި ޕްލޭންގައި ވަނީ އެކުލަވާލާފައެވެ.
ދިވެހި ރެޑް ކްރެސެންޓްގެ 10 ވަނަ އާންމު ޖަލްސާ ނިންމާލެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ޖަމާއަތުގެ ރައީސް އަލީ ނާޝިދު ވަނީ އެ ޖަމާއަތުން އަމިއްލައަށް ހަރަކާތްތަކަށް ފައިސާ ހޯދުމުގެ މުހިއްމު ޕްލޭނެއްގެ ގޮތުގައި ހުޅުމާލޭގައި އަޅާފައިވާ އެ ޖަމާއަތުގެ އިމާރާތުގެ މަސައްކަތް 2017 ވަނަ އަހަރު ނިންމާ ރެޑްކްރަސެންޓްގެ މައިމަރުކަޒު އެ ތަނަށް ބަދަލުކުރިކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން މާލީ ލުއިތަކެއް ލިބި ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޯށްދިނުމުގެ ފުރުޞަތުތައް ހުޅުވިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާ އެންމެ މުހިއްމު އެއް ދާއިރާ ކަމުގައިވާ ސިއްޙަތާއި އިޖްތިމާޢީ އަޅާލުމުގެ ދާއިރާއން އަޅުގަނޑުމެންނާއި ގުޅިގެން މަސައްކަތްކުރުމަށް، އަޅުގަނޑުމެންގެ ޕޭޝަންޓް ޓްރާންސްޕޯޓް ސާރވިސްއަށް ޔުނިވަރސަލް ފައުންޑޭޝަން އިން ވެދެއްވާ އެހީ ފާހަގަކުރަން.އަދި އެހީތެރިވަމުންދާ ހުރިހާފަރާތެއް ފާހަގަކުރަން. ރާއްޖޭގެ ހުރިހާ ރައްޔިތުން އިންސާނިއްޔަތައްޓަކައި އެހީތެރިކަން ފޮރުކޯށްދިނުމަށް ގޮވާލަން. ކޮންމެ މީހަކަށްވެސް ވެދެއްވެން އޮތް ކޮންމެ އެހީއަކީ ކުއްލި ހާލަތްތަކުގަޔާ ކާރިސާތަކުގައި އަދި މިނޫނަސް އަޅުގަނޑުމެން ކުރާ މަސައްކަތްތަކަށް ދެވޭ ވަރަށްބޮޑު އެހީއެއް." ނާޝިދު ވިދާޅުވިއެވެ.
ދިވެހި ރެޑް ކްރެސެންޓްގެ 10 ވަނަ އާންމު ޖަލްސާގައި ވަނީ އެ ޖަމާއަތުގެ ގަވަރނިން ބޯޑަށް މީހުން އިންތިޚާބުކޮށްފައެވެ. އަދި މި ޖަލްސާގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓްވެސް ފާސްކޮށްފައެވެ. މީގެ އިތުރުން އާއްމު ޖަލްސާގައި ވަނީ ކުރިއަށް އޮތް ދެ އަހަރު ހިންގަން ބޭނުންވާ ހަރަކާތްތައް އަދި އެކަމަށް ބޭނުންވާނެ ބަޖެޓަށް ރުހުން ދީފައެވެ.
ދިވެހި ރެޑް ކްރެސެންޓަކީ ރާއްޖޭގައި ދިމާވާ ކޮންމެ ކާރިސާއެއްގައިވެސް އިންސާނީ އެހީ ފޯރުކޯށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.