ސިޔާސީ

ޕީއެންސީގެ ލީޑަރޝިޕާއި ޔާމީން ބައްދަލުކުރައްވައިފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑަރޝިޕާއި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. ޕީއެންސީގެ ލީޑަރޝިޕާއި ރައީސް ޔާމީން ބައްދަލުކުރެއްވުން އޮތީ ޕީޕީއެމްގެ އޮފީހުގައެވެ. މި ބައްދަލުވުމުގެ އިތުރު ތަފްޞީލެއް ލިބިފައެއްނުވެއެވެ.

ޔާމީން އިސްވެ ހުންނަވައިގެން އުފެއްދި ޕީއެންސީގެ ލީޑަރޝިޕާއި އެމަނިކުފާނު ބައްދަލުކުރައްވާފައިވާއިރު އެޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާ ރޭ ވަނީ ބާއްވާފައެވެ. އެ ޖަލްސާގައި އެޕާޓީގެ ރައީސާއި ނާއިބު ރައީސުން ވަނީ އިންތިޚާބުކޮށްފައެވެ.

ޕީއެންސީގެ ޤައުމީ ޖަލްސާއިން އެޕާޓީގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އިންތިޚާބުކޮށްފައިވާއިރު އޭނާ އެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ ވޯޓަކާއި ނުލައެވެ. އެއީ އެ މަޤާމަށް ޢަބްދުއްރަހީމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީއެވެ.

އެޕާޓިގެ ނާއިބު ރައީސްގެ މަޤާމަށް ހަތަރު ބޭފުޅަކު އިންތިޚާބުކޮށްފައެވެ. އެމަޤާމަށް އިންތިޚާބުވެވަޑައިގެންނެވި ބޭފުޅުންނަކީ ޔާމީން ސަރުކާރުގައި ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، ޕީޕީއެމްގައު ހުންނެވުމަށްފަހު ޕީއެންސީއަށް ދާދި ފަހުން ބަދަލުވެވަޑައިގެންނެވި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކާއި، ކުރީގެ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ސަޢީދާއި، ބާރަށު ދާއިރާގެ މެންބަރު އިބުރާހީމް ޝުޖާޢުއެވެ