ސިޔާސީ

އަދީބުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމް ޙުކުމްގެ އިސްތިއުނާފު އަޑުއެހުމެއް މާދަމާ


ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް އިއްވާފައިވާ ޓެރަރިޒަމްގެ ޖަލު ޙުކުމްގެ އިސްތިއުނާފުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލްކޮށްފިއެވެ.

އަދީބު ޝަރީޢަތް ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރު 1:15އަށެވެ. މި މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރާއި އެކު ޖުމްލަ ހަތަރު ފަނޑިޔާރުންނެވެ. އަދީބުގެ މައްޗަށް ޓެރަރިޒަމްއާ ގުޅޭ ދެ މައްސަލައަކަށް ވަނީ ޙުކުމް އިއްވާފައެވެ. އެއީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާ ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި އިއްވާފައިވާ ދެ ޙުކުމެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމުގެ މައްސަލާގައި 2016ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު އަދީބުގެ މައްޗަށް ވަނީ 10 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި ހަމަ އެ އަހަރުގެ ޖޫން މަހުގެ 9ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލައިގެން އަދީބަށް ވަނީ 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައެވެ. އެހެންކަމުން މާދަމާ އޮތް އިސްތިއުފާނުގެ އަޑުއެހުމަކީ މިތަނުން ކޮން މައްސަލައަކަށް ބާއްވާ އަޑުއެހުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

ޓެރަރިޒަމްގެ ދެ ޙުކުމާއި އަދި އެހެނިހެން އެތައް ކުށެއްގެ ޙުކުމާއި އެކު އަދީބު ވަނީ ޖުމްލަ 33 އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް ކުރައްވާފައެވެ.