ޚަބަރު

ކޮންމެހެން ބޭރަށް ދާންޖެހޭ ޙާލަތެއްގައިމެނުވީ ބޭރަށް ނުދޭ: ދިވެހި އެންބަސީ


ކޮންމެހެން ބޭރަށް ދާންޖެހޭ ޙާލަތެއްގައިމެނުވީ ބޭރަށް ނުކުމެނޫޅުމަށް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީން އިލްތިމާސްކޮށްފިއެވެ.

ސްރީ ލަންކާގައި ދިން ބޮމުގެ ޙަމަލާތަކާއި ގުޅިގެން މީހުން އެއްވެ އުޅޭ ސަރަޙައްދުތަކަށް ނުދިއުމަށާއި ކަރފިއު އިޢުލާނުކޮށްފައިވާ ވަގުތުތަކުގައި ބޭރަށް ނުކުމެ، ޢާންމު ތަންތަނަށް ނުދިއުމަށް، ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެންބަސީންވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފައެވެ. ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން އެ ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާކަމަށާއި މިދުވަސްވަރު ތަންތަނަށް އެއްވެ ތަންތަނުގެ ފޮޓޯ ނަގާ ނުހެދުމަށްވެސް އެންބަސީން ވަނީ އެދިފައެވެ. އަދި ކަންބަލަން ޙަމަލާދިން ސަރަޙައްދުތަކަށް އެއްވެސްގޮތަކަށް ނުދިއުމަށްވެސް އެންބަސީން އެދެއެވެ.

މީގެ އިތުރުން، ސްރީ ލަންކާގެ ސަލާމަތި ބާރުތަކުން މިހާރު ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކަށް ހުރަސްއެޅޭނެ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށާއި ސަލާމަތީ ބާރުތަކުން ބޭނުންވެއްޖެ ކޮންމެ ޙާލަތެއްގައިވެސް ކާކުކަން އަންގައިދޭ ލިޔުމާއި ވިސާފަދަ ލިޔެކިޔުންތައް ހިއްސާ ކުރުމަށްވެސް އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ކިބައިން އެންބަސީން އެދެއެވެ. ހަމައެއާއިއެކު، ސަލާމަތި ސަބަބުތަކަށްޓަކައި އެންމެ ކައިރިގައި ހުންނަ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެ ތިމާއަކީ ބޭރު ޤައުމަކަށް ނިސްބަތްވާ ސްރީ ލަންކާގައި ދިރިއުޅޭ ރައްޔިތެއްކަން އަންގާ، ރަޖިސްޓަރީވުމަށްވެސް އެންބަސީންވަނީ އިލްތިމާސްކޮށްފައެވެ. އަދި ޝައްކު ކުރެވޭ އެއްވެސް އަމަލެއް ނުވަތަ މީހެއް ފެނިއްޖެނަމަ އެކަމެއް އެންމެ ކައިރިގައި ހުންނަ ފުލުހުންގެ އިދާރާއަށް އެންގުމަށްވެސް ދިވެހި އެންބަސީން ވަނީ އިލްތިމާސްކޮށްފައެވެ.

ސްރީ ލަންކާގައި ހުންނަ ދިވެހި އެންބަސީން ދަނީ ކެނޑިނޭޅި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާނެ މަޢުލޫމާތާއި އިތުރު އެހީތެރިކަންވެސް ފޯރުކޮށްދެމުންނެވެ. އެގޮތުން، މި ހަފުތާ ބަންދުގައި ކޮންސިއުލަރ ޚިދުމަތްތަކަށް އެމްބަސީ ހުރީ ހުޅުވާފައެވެ.