ވިޔަފާރި

ހުޅުމާލޭ ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި


ދިވެހި އުފެއްދުންތައް ވިއްކުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ "ރަށު މާރުކޭޓުން ގޮޅި ހޯދުމަށް 871 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ރަށު މާރުކޭޓުން ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ މޭވާ ތަރުކާރީ އަދި ކާބޯތަކެތީގެ ދިވެހި އުފެއްދުންތަކަށް ޚާއްސަ 37 ގޮޅިއަކާއި ރޯމަހުގެ ބާވަތްތައް ވިއްކުމަށް 20 ގޮޅިއެކެވެ. މި ގޮޅިތަކުގައި ބޮޑުމިނުގައި 80 އަކަ ފޫޓު ހުރެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނީ ރަށު މާރުކޭޓުން ގޮޅި ހޯދުމަށް އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުން މާދަމާ ހުރަވީ ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހުޅުމާލޭގައި 'ރަށު މާރުކޭޓު' ނަމުގައި ތަރައްޤީކޮށްފައިވާ ލޯކަލް މާރުކޭޓަކީ ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ދިވެހި ކާބޯތަކެއްޗާއި ރޯމަހުގެ ބާވަތްތައް އާއްމުނަށް ފަސޭހަކަމާއިއެކު ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޤާއިމްކޮށްފައިވާ މާރުކޭޓެކެވެ.

މާރުކޭޓު ފަރުމާކޮށްފައިވަނީ މޭވާ އާއި ތަރުކާރީ އަދި އެހެނިހެން ދިވެހި އުފެއްދުންތައް ވިއްކުމަށް ޙާއްސަކުރެވިފައިވާ ގޮޅިތަކެއްގެ އިތުރުން، ރޯމަސް ވިއްކުމަށް ޙާއްސަ ގޮޅިތަކެއް ހިމެނޭގޮތަށެވެ.