ވިޔަފާރި

މިއަހަރުގެ ފިނި މޫސުމުގައި އެއަރ އިޓަލީ ރާއްޖެއަށް!


މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް، އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ނިންމައިފިއެވެ.

އެއަރ އިޓަލީން ވަނީ، އެ އެއަރލައިނުން މިއަހަރުގެ ފިނި މޫސުމުގައި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ މަންޒިލްތަކުގެ ޝެޑިއުލެއް ނެރެފައެވެ.

އިޓަލީގެ ދެވަނައަށް އެންމެ ބޮޑު އެއަރލައިން އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިލާނުގެ މަލްޕެންސާ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހަފްތާއަކު ތިން ދަތުރެވެ. އެގޮތުން ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެއަރ އިޓަލީން ރާއްޖެއަށް ދަތުރުތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ އިތުރުން މިއަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރ އިޓަލީންވަނީ ޒާންޒިބާ އަދި މޮމްބާސާ ފަދަ މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ނިންމާފައެވެ.

އިޓަލީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ ޒަމާންވީ މާކެޓެވެ. އަދި އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެތެރޭގައި އެ ޤައުމުން ވަނީ ރާއްޖެއަށް 52،000 ހާހަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %27 އިތުރު އަދަދެކެވެ.