ވިޔަފާރި

މަސީގެ ރައީސް މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ޤައުމީ މައުރަޒު އިފްތިތާޙުކޮށްދެއްވައިފި


އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އޭޝިއަން ވެސްޓަން ފެސިފިކް ކޮންޓްރެކްޓަރސް އެސޯސިއޭޝަން، އިފޮޕްކާ އަދި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާޙު، މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ޤައުމީ މައުރަޒު އިފްތިތާޙުކޮށްދެއްވައިފިއެވެ.

މޮންގޯލިއާގެ އިމާރާތްކުރުމުގެ ދާއިރާގެ ޤައުމީ މައުރަޒު، "ބަރިލްގާ އެކްސްޕޯ 2019" އިފްތިތާޙުކޮށްފައިވަނީ "މޮންގޯލިއަން ނެޝަނަލް ކޮންސްޓަރަކްޝަން އެސޯސިއޭޝަން" ގެ 10 ވަނަ އަހަރީ ޖަލްސާގެ ތެރެއިންނެވެ.

މި ހަފްލާގައި މޮންގޯލިއާގެ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އާރބަން ޑިވެލޮޕްމެންޓް އަދި "މޮންގޯލިއަން ނެޝަނަލް ކޮންސްޓަރަކްޝަން އެސޯސިއޭޝަން" ގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ޖަނާޙު ވަނީ "މޮންގޯލިއަން ނެޝަނަލް ކޮންސްޓަރަކްޝަން އެސޯސިއޭޝަން" ގެ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި އިފޮޕްކާގެ ރައީސްގެ ހައިސިއްޔަތުން ޖަނާޙު ވަނީ 2020 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފޮޕްކާގެ 45 ވަނަ ކޮންވެންޝަންގައި ބައިވެރިވުމަށް މޮންގޯލިއާގެ ނެޝަނަލް ކޮންސްޓްރަކްޝަން އެސޯސިއޭޝަންއަށް ދަޢުވަތު އަރުވާފައެވެ.
އޭގެ އިތުރުން ޖަނާޙު ވަނީ ކޮންސްޓަރަކްޝަން ދާއިރާގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވޭނެ ކަންތައްތަކާއި ބެހޭގޮތުން ވާހަކަދައްކާފައެވެ.

މަސީގެ ރައީސް ޖަނާޙުގެ މި ދަތުރުފުޅުގައި ހޮންގކޮންގއަށް ވަޑައިގެން އެޤައުމުގެ ކޮންސްޓަރކްޝަން ދާއިރާގެ ވެރިންނާއި ބައްދަލުކޮށް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިފޮޕްކާގެ 45 ވަނަ ބައިނަލްއަޤްވާމީ ކޮންވެންޝަންއާއި ބެހޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ.

އިފޮޕްކާގެ ރައީސްކަމުގެ މަޤާމުވެސް އަދާކުރައްވަމުންދާ މުޙައްމަދު އަލީ ޖަނާޙު މަސީގެ ރައީސްކަމަށް ހޮވާފައިވަނި މިދިޔަ މާޗްމަހު އެޖަމިއްޔާގެ އަހަރީ އާންމު ޖަލްސާގެ ތެރެއިންނެވެ. ޖަނާހު ވަނީ މީގެ ކުރިން ވެސް މަސީގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ.