ސިޔާސީ

މިސަރުކާރަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖުޑީޝަރީ - އަފީފް


މިސަރުކާރަށްވެސް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖުޑީޝަރީކަމަށް އެމްޑީޕީ ސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރ އަދި ވިލުފުށީ ދާއިރާގެ އިންތިޚާބީ މެންބަރު ޙަސަން އަފީފް ވިދާޅުވެއްޖެއެވެ.

އަފީފް މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "އެކްސުލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
2012ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމަށް އެންމެ ބޮޑަށް މަގުފަހިވީ ޖުޑީޝަރީގެ ތެރެއިންކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ރައިސް ނަޝީދު ސަރުކާރުގައި ޖުޑީޝަރީގައި މުޅިންވެސް ތިއްބެވީ ސަރުކާރާއި އިދިކޮޅު ޚިޔާލުގެ ފަނޑިޔާރުންކަމަށެވެ. ފެހި ޤާނޫނު އަސާސީގެ ދަށުން ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ފުލުހުންގެ ހައްޔަރުގައި މީހަކު ބެހެއްޓެނީ 24 ގަޑިއިރުކަމަށާއި، އެއަށްފަހު މުއްދަތު ޖެހުމަށް ދާންޖެހީ ކޯޓަށްކަމަށް އަފީފް ފާހަގަކުރެއްވެއެވެ. ނަމަވެސް ސަރުކާރާއި ޚިޔާލު ތަފާތު ބޭފުޅުން ޖުޑީޝަރީގައި ތިއްބެވުމުގެ ސަބަބުން ވަރަށް ބޮޑެތި ގޮންޖެހުންތަކާ އޭރުގެ ސަރުކާރުން ކުރިމަތިލާންޖެހުނުކަމަށް އަފީފް ވިދާޅުވިއެވެ.

"ޢަބްދުﷲ ޤާޒީ ކޮންމެސް އިންޓަރވިއުއެއްގައި ވިދާޅުވި ތިމަންނަ ފައި ތުރުތުރު ނާޅާނޭ މި ސަރުކާރު އައިސްގެނެއް. އެއީ ފަނޑިޔާރެއްގެ އަނގައިން ނުކުންނަންޖެހޭ ބަހެއްނޫން. ދެން އޭނާ މަޤާމުން ދުރުކުރަން ޤާނޫނުގަ އޮންނަ ގޮތުން ދާންމިޖެހެނީ މަޖިލީހަށް. މަޖިލީހުގައ ތިބީ އިދިކޮޅު މެންބަރުން. އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަކީ ފަސޭހަކަމެއްނޫން." އަފީފް ވިދާޅުވިއެވެ.

ޙަސަން އަފީފް ވިދާޅުވީ މިހާރުގެ ސަރުކާރަށްވެސް އެންމެބޮޑަށް ކުރިމަތިވާނެ ގޮންޖެހުމަކީ ޖުޑީޝަރީކަމަށެވެ. ޖުޑީޝަރީ އިޞްލާޙުކުރަން ޖެހޭކަމަށާއި، އެބޭފުޅުންގެ މުޅި ހަޔާތާއި ދިރިއުޅުންވެސް ބަލަންޖެހޭކަމަށް ވިދާޅުވެ އަފީފް ވަނީ މިދިޔަ ސަރުކާރުގައި މުޅި ޖުޑީޝަރީވެސް އޮތީ އެ ސަރުކާރާ އެއްކޮޅަށްކަމަށްވެސް ވިދާޅުވެފައެވެ.

"އަޅުގަނޑުމެން ޤާނޫނު އަސާސީ ލިޔުނު އިރުވެސް ބުނިން އެންމެ ބޮޑު ގޮންޖެހުމަކީ ޖުޑީޝަރީއޭ. އެއީ ޖުޑީޝަރީގަ ތިބޭ ބޭފުޅުންގެ ހަމައެކަނި ތަޢުލީމަކުން ނުފުދޭ، އަދުލް އިންސާ ފްޤާއިމްކުރަން ތިބި އެބޭފުޅުންގެ މުޅި ހަޔާތް ބަލަންޖެހޭ. އެމީހުންގެ އާއިލާއަކީ ކޮންކަހަލަ ބައެއްތޯވެސް އެބަޖެހޭ ބަލަން." އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ، ސުލޫކީ މިންގަނޑު ދަށްބައެއް ފަނޑިޔާރުން ޖުޑީޝަރީގައި ބިކަމަށް. އެކަމުގެ ސަބަބުން ރައްޔިތުންނަށާއި ޤައުމަށްވެސް ބޮޑެތި ގެއްލުންވަމުން އަންނަކަމަށާއި، ރައްޔިތުންނަށްވެސް ފަނޑިޔާރުގެއަށް ފާޑުކިޔެންޖެހޭކަމަށް އޭނާވިދާޅުވިއެވެ. ކޯޓްގެ ޙުރުމަތް ކެނޑުންކަމަށްވާނީ ކޯޓްގެ ޝަރީޢަތުގައި އަދި ކޯޓްތެރޭގައި ޢަމަލުކުރާ ގޮތުންކަމަށާ، ކޯޓުން ބޭރުން ނުވަތަ ކޯޓުން ނިންމާ ނިންމުމަށް ފާޑުނުކިޔައި އެދާއިރާ އިޞްލާޙު ނުވާނެކަމަށްވެސް ޤާނޫނު އަސާސީ އެކުލަވާލިއިރު ޚާއްޞަ މަޖިލީހުގެ މެންބަރުކަންވެސް ކުރެއްވި އަފީފް ވިދާޅުވިއެވެ.

ފަނޑިޔާރުންނަކީވެސް ކުށްކުރާނެ ބައެއްކަން ޖުޑީޝަރީންވެސް ދަންނަންޖެހޭކަމަށް ވިދާޅުވެ އަފީފް ވަނީ ބޮޑެތި ފާޑުކިއުންތަކެއް ޖުޑީޝަރީއަށް އަމާޒުކުރައްވާފައެވެ.