ޚަބަރު

އޭއެފްސީ ޕްރޯ ލައިސަންސްއާއެކު ބޭނުންވަނީ ގިނަ އިންސްޓްރަކްޓަރުން ތަމްރީން ކުރަން - ޝާޒްލީ


އޭއެފްސީ ޕްރޯ ލައިސަންސް އާއިއެކު އެންމެ ބޭނުންވަނީ ވީހާވެސް ގިނަ އިންސްޓްރަކްޓަރުން ތަކެއް ތަމްރީންކޮށްގެން ފުޓްބޯޅައަށް ނެރުންކަމަށް މުހައްމަދު ޝާޒްލީ ބުނެފިއެވެ. ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ސެޓްފިކެޓް ނެގި ފުރަތަމަ ކޯޗްއަކަށް ޝާޒްލީ ވެގެންގޮސްފައިވާއިރު މިދިޔަ އަހަރު ކުލަބް އީގަލްސްއަށް ކޯޗްކޮށްދިން މުހައްމަދު ޝިޔާޒް (މޯހަން)ވެސް މިހާރު އަންނަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯސް ހަދަމުންނެވެ.

ވިކްޓްރީ އަދި ބީޖީ ސްޕޯޓްސް ކުލަބްއަށް ކޯޗްކޮށްދީފައިވާ މުހައްމަދު ޝާޒްލީ ބުނީ ފުޓްބޯޅައިގައި ނެގޭނެ އެންމެ މަތީ ފާސް ނެގުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި ފުޓްބޯޅައަކީވެސް މިހާރު ކިޔަވައިގެން ކުރިއަށްދެވޭނެ ކުޅިވަރެއްކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެފްއޭއެމުން ވަނީ އިންސްޓްރަކްޓަރުން ތަމްރީން ކުރުމުގެ ކޯހެއް ހިންގާފައެވެ. އެކޯހުން ފާސްވެގެން މިހާރު ރާއްޖޭގައި 15 އިންސްޓްރަކްޓަރުންގެ އުޅޭއިރު އަދި އޭއެފްސީ 3 އިންސްޓްރަކްޓަރުން ރާއްޖޭގައި އެބަތިބިއެވެ. މިއިންސްޓްރަކްޓަރުންގެ އެހީގައި މިހާރު ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ޑީ ލައިސަންސް ކޯޗިން ކޯސްތަށް އެކި ފަރާތްތަކުން ދަނީ ހިނގަމުންނެވެ. ޝާޒްލީ ބުނީ ކޯސްތަކުން ފާސްވެގެން ދާ ފަރާތްތަކުން ރަށްރަށުގައި ކޯސްތަށް ހިންގާތަން ފެނުމުން ވަރަށް ހިތްހަޖެހޭކަމަށެވެ. ޝާޒްލީ ބުނީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅޭ ގައުމްއެއްގައި އޭއެފްސީ ޕްރޯ ލައިސަންސް އޮތް ކޯޗުން ގިނަ ވުމަކީވެސް ފުޓްބޯޅަ ކުރިއަރައިގެންދާނެ ކަމެއްކަމަށާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަންއަށް ކޯޗްކޮށްދޭ ދިވެހި ކޯޗުން އޭއެފްސީ ޕްރޯ ލައިސަންސް ހެދުމަކީ ވަރަށް މުހިންމުކަމެއްކަމަށްވެސް ޝާޒްލީ ބުނެފިއެވެ. މިހާރު ރާއްޖޭގައި އޭއެފްސީ 3 އިންސްޓްރަކްޓަރުން ތިބޭއިރު، އުއްމީދަކީ މިއަހަރު ނިމޭއިރު މިދަދު ދެ ގުނައަށް އިތުރުވުންކަމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސްއެކެވެ.
މިހާރު ޝާޒްލީއަށް ޖަޕާން، އިރާން އަދި މިޑިލް އީސްޓްގެ ގައުމްތަކާއި އޭޝިޔާގެ ކޮންމެ ގައުމްއެއްގައިވެސް އެންމެ މަތީ ފަންތީގައި ކޯޗް ކުރުމުގެ ދޮރުވަނީ ހުޅުވިފައިއެވެ.