ޚަބަރު

ޗައިނާއިން އިތުރު ޤައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ޤާއިމްކުރަނީ


ކުރިޔަށް އޮތް ފަސް އަހަރު ތެރޭގައި ޗައިނާއިން ގިނަ ޤައުމުތަކަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގައި ސޮއިކުރާނެކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.

ޝީ މިހެން ވިދާޅުވީ 2 ވަނަ ބެލްޓް އެންޑް ރޯޑު ފޯރަމުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

2 ވަނަ ބެލްޓް އެންޑް ރޯޑު ފޯރަމުގެ ފެށުމުގެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި ބީ.އާރު.އައިގެ ދަށުން ޗައިނާއިން މިހާރު ތަންފީޒުކުރަމުންދާ އިމްޕޯޓުކުރުން ކޮންޓްރޯލްކުރާ ލިސްޓުގައި ހިމެނޭ ގިނަތި ތަކެތި ބާތިލްކޮށް، ބޭރުގެ ޤައުމުތަކުން ޗައިނާއަށް މިހާރަށްވުރެ ގިނައިން ތަކެތި އެތެރެކުރެވޭނެ އުސޫލު އެކުލަވާލާނެކަމަށެވެ. އަދި ޓެރިފް ރޭޓްތައް ކުޑަކޮށް ބޭރު ޤައުމުތަކަށް ޗައިނާގެ ބާޒާރު މިހާރަށްވުރެ ބޮޑަށް ހުޅުވާލާނެކަމަށް ޝީ ވިދާޅުވިއެވެ. މީގެއިތުރުން ބޭރުގެ ވިޔަފާރިތަކުން މިހާރަށްވުރެ ފަސޭހަ ކަމާއެކު ޗައިނާގައި އިންވެސްޓްކުރެވޭ މަގު ފަހިކޮށް، ބީ.އާރު.އައި ޕްރޮޖެކްޓްތަކަކީ ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ހިންގޭ، ދެމެހެއްޓެނިވި މަޝްރޫޢުތަކަކަށް ހެދުމަށް ބާރު އަޅާނެކަމަށްވެސް ޝީ ވިދާޅުވިއެވެ.

ޝީގެ ވާހަކަފުޅުގައި ބީއާރުއައި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ފަނަރަހާހަށްވުރެ ގިނަ ފަރާތްތައް ޗައިނާއަށް ގެނެސް މަޝްވަރާޔާއި، އެއްބަސްވުންތައް އެކުލަވާލާނެކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ ކުންފުނިތައް ތަމްސީލުކުރާ ފަރާތްތައް ހިމެނޭނެ ކަމަށް ޝީ ފާހަގަކުރެއްވިއެވެ.

ބެލްޓް އެންޑް ރޯޑުގެ ދެވަނަ ފޯރަމުގެ ފެށުމުގެ ރަސްމިއްޔާތުގައި ޕާކިސްތާނު، ރަޝިޔާ، މިސްރު، ޗިލީ، ކަޒަކިސްތާން، މެލޭޝިޔާ، އީޔޫގެ ވެެރިން ވާހަކަދައްކާފައިވެއެވެ.

ދެހާސް ތޭރަ ވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން އިއުލާންކުރެއްވި ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް، ބީއާރުއައިއަކީ ސަތޭކަ ފަންސާހަށްވުރެ ގިނަ ޤައުމާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާއަތްތަކުން ބައިވެރިވާ މަޝްރޫއެކެވެ. މިއީ ޤައުމުތަކުގެ އެއްގަމާއި، ކަނޑު އަދި ވައިގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރަދަނާކޮށް، ޤައުމުތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ފުޅާކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ. މީގެދަށުން ޤައުމުތަކުގެ ބަނދަރުތައް ތަރައްޤީކޮށް، މަގުތަށް ހަދާ، ބްރިޖު، ރެއިލް ވޭ ލައިންތަށް ދަނީ ތަރައްޤީކުރަމުންނެވެ.

ބީއާރުއައިއާބެހޭ މަޝްވަރާކޮށް، އެއްބަސްވުމަށް އައިސް، ސިޔާސަތުތަށް ކަނޑައެޅުމަށް ބާއްވާ ބެލްޓް އެންޑް ރޯޑު ފޯރަމްގެ ދެވަނަ ފޯރަމް ބެއިޖިންގައި ފެށިފައިވާއިރު، މިފޯރަމުގައި މިއަހަރު 37 ޤައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެއެވެ. މީގެއިތުރުން 150 ޤައުމަކާއި ބައިނަލްއަޤްވަމީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ ވެރިންވެސް ބައިވެރިވެއެވެ.

މިއަހަރުގެ ބެލްޓް އެންޑް ރޯޑު ފޯރަމްގެ ޝިއާރަކީ ޝޭޕިން އަ ބްރައިޓަރ ޝެއާޑް ފިއުޗަރއެވެ. އަދި މިފޯރަމުގައި 2017 ވަނަ އަހަރު ބޭއްވުނު ބެލްޓް އެންޑް ރޯޑުގެ ފުރަތަމަ ފޯރަމުގައި މަޝްވަރާކޮށް އެބަސްވެވުނު ކަންތައްތައް މިހާރު ކުރިޔަށް ގޮސްފައިވާ ހިސާބު ބަލާ، ބެލްޓް އެންޑް ރޯޑުގެ ދަށުން ހިންގޭ މަޝްރޫޢުތައް ހަރުދަނާކުރެވޭނެ ގޮތްތަކާބެހޭ ގޮތުން މުރާޖަކުރާނެއެވެ. އަދި އައު މަޝްރޫޢުތަކާބެހޭ އެއްބަސްވުންތަކުގައިވެސް ސޮއިކުރެވޭނެއެވެ.