ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން 19 މީހުން ހައްޔަރުކޮށްފި


މާލޭގައި ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު 19 މީހުން ހައްޔަރުކޮށްފިއެވެ.
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތު ތަކަކާއި ގުޅިގެން ހިންގި މި ދެއޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 17 އަހަރާއި 38 އަހަރާއި ދެމެދުގެ 19 ފިރިހެނުންނެވެ.

އެގޮތުން ފުލުހުން ހިންގި ފުރަތަަމަ އޮޕަރޭޝަންގައި ގަލޮޅު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 1211 ރަބަރު ޕެކެޓާއި، 10 ސެލޯފީންކޮޅާއި، ފިލްމު ހުސްކުރި ދަޅަކާއި، ބުލެޓް ސައިޗްގެ ތިން ރަބަރު ޕެކެޓް އެގެއިން ފެނިފައިވެއެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި އިތުރު 13 ފިރިހެނުންނެވެ.

މީގެއިތުރުން ގަލޮޅުގެ އިތުރު ގެއެއްގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ހުރިކަމަށް ޝައްކުކުރެވޭ 62 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުންވަނީ މަޢުލޫމާތު ދީފައެވެ. މި މައްސަލައިގައި އެގެއިން 5 ފިރިހެނުން ހައްޔަރުކޮށްފައިވެއެވެ.

މި ދެ މައްސަލަވެސް ޑްރަގް އެންފޯސްޓްމަންޓް ޑިޕާރޓްމަންޓުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.