ޚަބަރު

ލޮނުފެނުން މަސްފިނިކުރާ ނިޒާމު ގާއިމްކުރުމަށް ލޯނު ދޫކުރާނެ އުސޫލެއް ކަނޑައަޅައިފި


މަސްދޯނި ފަހަރުގައި ލޮނުފެނުން މަސްފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ލޯނު ދޫކުރުމުގެ އުސޫލެއް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅައިފިއެވެ.

ފިޝަރީޒް ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މިޕްރޮގްރާމާ ބެހޭގޮތުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ، މި ޕްރޮގްރާމްގެ ދަށުން ލޯން ދޫކުރުމުގެ މަޤުސަދަކީ މިހާރު ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމް ކޮށްފައިވާ އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކޮށް، ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ބެހެއްޓޭނެ މަގު ފަހިކުރުންކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ލޯނުގެގޮތުގައި ދޫކުރެވޭނީ ޖުމުލަ، ތިން މިިލިއަން އައްޑިހަ ހަތަރުހާސް ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިލޯނު ދޫކުރެވޭނީ ހަމައެކަނި ފައިބަރު ދޯނިފަހަރުތަކަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ލޯނު ދޫކުރުމަށް ވަކި ޝަރުޠުތަކެއް ފިޝަރީޒް މިނިސްޓްރީވް ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން މިލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު ހައެއް އިންސައްތައެވެ. އަދި ލޯނު އަދާކުރުމުގެ އެންމެ ދިގު މުއްދަތަކީ ފަސް އަހަރުދުވަހެވެ. އެހެންނަމަވެސް މިލޯނު ދޫކުރާނެ ވަކި ތާރީޚެއް އަދި އެމިނިސްޓްރީން ކަނޑައަޅުއްވާފައެއް ނުވެއެވެ.