ތަޢުލީމު

ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް ފުރުޞަތު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި

ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރަންފަށައިފިއެވެ. މި ލިޔުންތައް ހަވާލުކުރުމަށް ފަށާފައިވަނީ މިއަދު އޮންލައިންކޮށް އެމީހެއްގެ އީމެއިލްއެޑްރެސްއަށެވެ. އެހެންނަމަވެސް މި ފުރުޞަތު ލިބުނު ދަރިވަރުންގެ ޢަދަދު އެ މިނިސްޓްރީން ހާމައެއް ނުކުރައްވައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލުމާއެކު މިހާތަނަށް ގާތްގަޑަކަށް 2000 މީހުން ހުށަހަޅާފައިވާކަމަށެވެ. އަދި މިހާރުވެސް ފޯމްތައް ޕްރޮސެސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި ފުރިހަމަ ނުކޮށް ހުރި ފޯމްތައް ބަލައިނުގަންނާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ފޯމް ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ އަދި އެ ޕްރޮގްރާމަށް ހޮވޭ ދަރިވަރުންނަށް އެކަން އަންގަމުންދާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ފޯމްތައް ހުށަހެޅުމުގައި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުމަށް އެ މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. ފުރަތަމަ ޑިގްރީއަށް ކިޔަވާދޭ ކޮލެޖްތަކާ ގުޅިގެން އެތަންތަނުގައި ކިޔަވަމުންދާ ދަރިވަރުންނަށް "ހިލޭ ޑިގްރީ"އަށް ކިޔަވަން ހުށަހެޅުމަށްޓަކައި ފުރަންޖެހޭ ފޯމް ފުރިހަމަކުރާނެ ގޮތުގެ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިއަށްގެންގޮސްފައެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހިލޭ ޑިގްރީއަށް ކިޔެވުމަށް ފުރުޞަތު ހުޅުވާލުމުން ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށެވެ. ރާއްޖޭގައި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވައިދޭން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހުއެވެ. އެއާއެކު ހިލޭ ޑިގްރީއަށް ކިޔެވުމަށްޓަކައި ޢާއްމުންގެ ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއި ކޮލެޖުތަކުން ވެސް ފާހަގަކުރެއެވެ.

މިހާރު އޮންނަގޮތުން ހިލޭ ޑިގްރީއަށް ކިޔެވުމަށް އެދި ފޯމު ހުށަހެޅޭނީ ހަޔަރ އެޑިއުކޭޝަނަށް ގޮސްގެންނެވެ. އަދި އެކަމަށް ވަކި ސުންގަޑިއެއް މިހާތަނަށް މިނިސްޓްރީން އިޢުލާނު ކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރުގެ ދެ ޔުނިވަރސިޓީގެ އިތުރުން އަމިއްލަ ކޮލެޖުތަކުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ހިލޭ ޑިގްރީއަށް ކިޔަވައިދޭ އުސޫލުގެދަށުން އެމްއެންޔޫއާއި އައިޔޫއެމްގެ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެ ފުރުސަތު އޮތްއިރު އަމިއްލަ ކޮލެޖުތަކުގެ ޑިގްރީ ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންގެ ޓިއުޝަންފީ ސަރުކާރުން ދައްކައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމުގެ ސިޔާސަތު ތަންފީޒުކުރުމަށްޓަކާ މިއަހަރަށް އެކަނިވެސް 156 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި، އޭގެ ތެރެއިން ބޮޑުބައެއް ޚަރަދުކުރެވިގެންދާނީ އަމިއްލަ ކޮލެޖްތަކުގެ ޓިއުޝަން ފީތަކަށް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.