މި ހަފުތާގެ އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް އަމާޒުވި އެ ޤައުމުގެ އެއް ރަށްކަމަށްވާ ނެގަމްބޯގައި އުޅެމުންދާ އެތައް ހާސް މުސްލިމުން އެ ރަށް ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަމުން އެބަދެއެވެ.
މި ހަމަލާތަކުގައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދެ ޗަރޗާކާއި ހަތަރު ލަޤްޜަރީ ހޮޓަލަކަށް އަމާޒުކޮށްގެން ހަމަލާ ދިންއިރު ނެގަމްބޯގައި ހުންނަ ޗަރޗަކަށްވެސް ވަނީ ބޮމުގެ ހަމަލާއެއް އަމާޒުކޮށްފައެވެ. މި ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ތިން ސަތޭކަ ފަންސާސް ނުވައަކަށް އަރާފައިވާއިރު މީގެ ތެރެއިން ދުއިސައްތައެއްހާ މީހުން މަރުވެފައިވަނީ ނެގާބޯގައި ހުންނަ ޗަރޗަށް ދިން ހަމަލާގައިކަމަށް އޮފިޝަލުން ބުނެއެވެ.
މިއާއެކު ބުދަދުވަހު އެރަށުގައި އުޅެމުންދާ އެތައް ހާސް މުސްލިމް ރެފިއުޖީން ވަނީ އެ ރަށް ދޫކޮށް އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. މީގެ ތެރޭގައި ގިނައީ އެރަށުގައި އުޅެމުންދިޔަ ޕާކިސްތާނަށް ނިސްބަތްވާ ރެފިއުޖީންކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފަރާތްތައް އެ ރަށުން ހިޖުރަކުރުމަށް މަޖުބޫރުވެފައިވަނީ އާދިއްތަ ދުވަހުގެ ހަމަލާއަށްފަހު ޢާއްމު ފަރާތްތަކުން ލިބެމުންދިޔަ ބައެއް އިންޒާރުތަކުގެ ސަބަބުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އާދިއްތަ ދުވަހުގެ ހަމަލާގެ ޒިންމާ ނުރައްކާތެރި އައި.އެސް ޖަމާޢަތުން އުފުލާފައިވާއިރު މި ހަމަލާއަށް ފަހު ސްރީލަންކާގެ އެކި ހިސާބުތަކުގައި އުޅެމުންދާ މުސްލިމުންނަށް އެކި ގޮތްގޮތުން ވަނީ އިންޒާރުތަކާއި ނުރައްކާތަކާ ކުރިމަތިލާން ޖެހިފައެވެ. މި ގޮތުން، މުސްލިމުން ހިންގާ ބައެއް ވިޔަފާރިތަކަށް ގެއްލުންދިނުމާއި މުސްލިމުން އުޅޭ ގެތަކަށް ހަމަލާދިނުން ފަދަ ކަންކަން ހިނގާފައިވާކަމަށް ސްރީލަންކާގެ ފުލުހުން ބުނެއެވެ.