ސިޔާސީ

ޔާމީނާ ދެކޮޅަށް ގިނަ ހެކިތަކެއް ދައުލަތުން ހުށައަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިމްގެ މައްސަލާގައި އެމަނިކުފާނާ ދެކޮޅަށް ގިނަ ހެކިތަކެއް ދައުލަތުން ހުށައަޅާއިފިއެވެ.

އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ދައުލަތުން ޝަރިއަތުގައި މިއަދު ހުށައެޅި ހެކިންގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުގައި ނާއިބު ރައީސްކަން ކުރައްވާފައިވާ އަޙްމަދު އަދީބާއި ކުރީގެ މިނިސްޓަރ އޮފް ޓުއަރިޒަމް މޫސާ ޒަމީރާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުޠުފީއާއި އެ ކޮމިޝަންގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދުވެސް ވަނީ ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައެވެ.

މިއަދުގެ ޝަރީޢަތުގައި ޤާޒީ ހައިލަމް ވަނީ ޔާމީނާ ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. ޝަރިޢަތުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ކުރާ ދަޢުވަާ ސަފުނުވާކަމަށާއި، އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ފައިސާނޫންކަމަށެވެ. އަދި އެއީ އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޖަމާކުރި ފައިސާކަމަށްވެސް ޔާމީން ވިދާޅުވިއެވެ. ޔާމީންގެ މައްޗަށް ކުރާ ދަޢުވާ ސާފުނުވާކަމަށް އެމަނިކުފާނު ވިދާޅުވުމުން ދައުލަތުގެ ވަކީލު ވަނީ އެއީ ކޮރަޕްޝަންގެ ކުށުގެ ދައުވާކަމަށް ވިދާޅުވެ ޔާމީންގެ ބަޔާން ހުށައަޅާފައެވެ. އަދި ދައުލަތުން ވަނީ ޖަވާބުދާރީވުމަށް 10 ދުވަސް ދެއްވުމަށް އެދިވަޑައިގެންފައެވެ. އެހެންކަމުން، ޤާޒީ ވަނީ ދެފަރާތަށްވެސް ޖަވާބުދާރީވުމަށް 10 ދުވަސް ދެއްވާފައެވެ.

ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގެ އިބްތިދާއީ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ކުރި އަމުރު ބާތިލްކޮށް، ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ހައިކޯޓްގެ އެ ހުކުމްގައި ވަނީ ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ހެކިންނަށް ޔާމީން ނުފޫޒު ފޯރުވާފައިވާކަމަށް ދައުލަތުން ބުނާއިރު އެފަދަ އެއްވެސް ހެއްކެއް ޔާމީނާއި ދެކޮޅަށް ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމަށެވެ. ޢަދި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަން ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ލިޔެކިއުންތަކުން އެނގެން ނެތުމުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

ހައިކޯޓުން އެ މައްސަލައިގެ ހުކުމް އިއްވާފައި މިވަނީ އެ މައްސަލަ ބަލަމުން ދިޔަ ބެންޗް ބަދަލުކުރުމަށްފަހުއެވެ. ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުވެސް ހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފުން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ، އޭސީސީއާއިއެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެމައްސަލާގައިވެސް ދަޢުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.