ތަޢުލީމު

މާޗް މަހުގެ ލޯނު ސްކީމަށް 400 އަށްވުރެ ގިނަމީހުން ފޯމު ހުށަހަޅައިފި


މިދިޔަ މާރޗްމަހު ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމާއެކު މިހާތަނަށް 450 މީހުން ލޯނަށްއެދި ފޯމު ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ މާރޗްމަހުގެ 21ވަނަ ދުވަހުއެވެ. މި ފުރުޞަތަށް އެދި ފޯމް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވާނެއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ގިނަ ޢަދަދެއްގެ މީހުންގެ ތަރުޙީބު ލިބެމުން އަންނަކަމަށެވެ. އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ހެދުމަށް ލޯނަށް އެދިފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހަޔރަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢައިޝަތު ޝަފީނާ ވިދާޅުވީ މިހާރު ލޯނަށް އެދިފައިވާ ދަރިވަރުންނަށް އެޑްމިނިސްޓްރޭޓީވް ޗާރޖްގެ ގޮތުގައި ތިން އިންސައްތައަށް ކުޑަކޮށްފައިވާކަމަށެވެ. އަދި މީގެ ކުރިން ސްޓޫޑެންޓް ލޯނު ނަގާފައިވާ ދަރިވަރުންނަށްވެސް އެ އުޞޫލުގެ ދަށުން ކިޔެވުމުގެ ފުރުޞަތު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ޝަފީނާ ވިދާޅުވިއެވެ. އެގޮތުން ބޭންކް އޮފް މޯލްޑިވްސްއާއި ފިނޭންސް މިނިސްޓްރީ އަދި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލްކުރަން މީގެ ކުރިން ލޯނު ދޫކޮށްފައިވަނީ ފަސް ޕަސެންޓުގެ އިންޓަރެސްޓު ރޭޓުގައެވެ. އަދި މި ލޯންގެ އެޑްމިނިސްޓްރޭޓިވް ޗާރޖް ތިން އިންސައްތައަށް ކުޑަކޮށް ލޯނު ދައްކަން ލިބޭ މުއްދަތު އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އަދި މި ވަޢުދު ފުއްދަވާ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުޅުވާލި ލޯން ސްކީމްގެ ތެރެއިން ލޯނު ލިބުނު ދަރިވަރުންނަށް ލޯން ދީފައިވަނީ މި އުޞޫލްގެ މަތިންނެވެ.

ސަރުކާރުން ސްޓޫޑެންޓް ލޯންގެ އިންޓްރަސްޓްރޭޓް ތިން އިންސައްތައަށް ކުޑަކުރިނަމަވެސް އެއީ ބޭންކުން ނަގާ އިންޓްރަސްޓްއެއް ނޫނެވެ. އަދި އެއީ ދަރަވަރުގެ ކިޔެވުމަށް ހިނގާ ޖުމުލަ ޚަރަދަށް ބެލުމަށްފަހު އެއަށްނަގާ އެޑްމިނިސްޓްރޭޓިވް ޗާޖެކެވެ.

މާރޗްމަހުގެ ލޯން ސްކީމްގެ ދަށުން 242 ދަރިވަރަކަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި، މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރަކަށް ލޯނު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. މިއަހަރުގެ ލޯނު ސްކީމަށް ޖުމްލަ 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.