ސިޔާސީ

މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމަކަށް ޔާމީން ކްރިމިނަލް ކޯޓަށް ޙާޒިރުކޮށްފި


ދައުލަތުން އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމަކަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ކްރިމިނަލް ކޯޓަށް ޙާޒިރުކޮށްފިއެވެ.

ޔާމީން ކޯޓަށް ޙާޒިރުކޮށްފައިވަނީ މިއަދު މެންދުރު އެކެއްޖެހިއިރުއެވެ. ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތް މިވަގުތު ކުރިއަށްދާއިރު މި މައްސަލާގައި މީގެ ކުރިންވެސް އަޑުއެހުމެއް ބާއްވާފައިވެއެވެ.

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ޔާމީން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ކުރި އަމުރު ބާތިލްކޮށް، ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ހައިކޯޓްގެ އެ ހުކުމްގައި ވަނީ ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ހެކިންނަށް ޔާމީން ނުފޫޒު ފޯރުވާފައިވާކަމަށް ދައުލަތުން ބުނާއިރު އެފަދަ އެއްވެސް ހެއްކެއް ޔާމީނާއި ދެކޮޅަށް ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާކަމަށެވެ. ޢަދި މައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަން ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ލިޔެކިއުންތަކުން އެނގެން ނެތުމުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރާކަމަށްވެސް ހައިކޯޓްގެ ހުކުމްގައިވެއެވެ.

ހައިކޯޓުން އެ މައްސަލައިގެ ހުކުމް އިއްވާފައި މިވަނީ އެ މައްސަލަ ބަލަމުން ދިޔަ ބެންޗް ބަދަލުކުރުމަށްފަހުއެވެ. ޔާމީންގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުވެސް ހައިކޯޓުން ވަނީ ބާޠިލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ފައިސާ ނަގާ އެފައިސާތައް އެކި ފަރާތްތަކަށް ޖަމާކޮށްދެމުންދިޔަ އެސްއޯއެފުން ވަނީ ޔާމީންގެ އެކައުންޓަށްވެސް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަމަށް އޭސީސީން އެންގުމުން ޔާމީންވަނީ އެ ފައިސާ ދެއްވުމަށް އިންކާރުކުރައްވާ އޭސީސީއާއި އެކު އެސްކްރޯ އެކުންޓެއް ހުޅުވާފައެވެ. އަދި އެކައުންޓަށް ޔާމީން ޖަމާކުރެއްވީ އެ ފައިސާ ނޫންކަމަށް އެމަނިކުފާނުވެސް ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދި ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި އެ ފައިސާ ދައުރުކޮށްގެން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ އިދާރާތަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ތުހުމަތުވެސް ރައީސް ޔާމީންގެ މައްޗަށް ފުލުހުން ކުރެއެވެ. އަދި އެމައްސަލާގައިވެސް ދަޢުވާ ކުރުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

ފުލުހުން އެ މައްސަލަ ތަހުޤީގުކުރުމަށްފަހު ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޔާމީންގެ އެކައުންޓަށް ޖަމާކުރި ފައިސާ ބޭނުންކޮށްގެން މަނީ ލޯންޑަރިންގެ އަމަލު ހިންގަވާފައިވާކަމަށެވެ. އަދި ކެމްޕެއިން ދުވަސްވަރު ޔާމީންގެ އެކައުންޓަށް 22 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.