ސިޔާސީ

މޫސާ ސިރާޖުވެސް ސުޕްރީމް ކޯޓަށް ޙާޒިރުކުރަނީ


ޤާނޫނީ ވަކީލް އަދި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު މޫސާ ސިރާޖުވެސް ސުޕްރީމް ކޯޓަށް ޙާޒިރުވާން އަންގައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީ.ޖޭ.އޭއިން ސިރާޖު ޙާޒިރުވުމަށް އަންގާފައިވަނީ މިއަދު މެންދުރު ތިނެއް ޖަހާއިރަށެވެ. އޭނާ ސުޕްރީމް ކޯޓަށް ޙާޒިރުކުރަން ނިންމާފައިވަނީ، މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ފަޑުވިދާޅުވެ ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ.

ސިރާޖު ވިދާޅުވީ، ސުޕްރީމް ކޯޓްގައި ތިއްބެވި ފަނޑިޔާރުންނަކީ "ކޮރަޕްޓް" ބައެއްކަމަށާއި، ފަނޑިޔާރުގެ އިޞްލާޙު ކުރެވޭނީ އެތަނުގައި ތިއްބަވާ ފަނޑިޔާރުން ވަކިކޮށްގެންކަމަށެވެ. ސިރާޖު ވަނީ އޭނާ ސުޕްރީމް ކޯޓަށް ޙާޒިރުކުރިޔަސް އެ ނިންމެވުން ބަދަލު ނުވާނެކަމަށްވެސް ވިދާޅުވެފައެވެ.

މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ޙާޒިރުކުރަން ނިންމާފައިވާއިރު، އެ ކޯޓުން ބަލަމުންދާ މައްސަލައާއި ގުޅިގެން ކުރީގެ ބަންޑާރަ ނާއިބު ޙުސްނުއްސުޢޫދުވެސް އިއްޔެ ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޙާޒިރުކޮށް ބަޔާން ނަގާފައެވެ.

ސުޢޫދު ޑީޖޭއޭއަށް ޙާޒިރުކޮށް ބަޔާން ނަގާފައިވަނީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރުން މަޤާމުން ވަކިކުރަން ގޮވާލުމުންނެވެ.