ޚަބަރު

އިސްކަންދަރު ސްކޫލްގެ ޑިޖިޓަލް ލައިބްރަރީ ރައީސް އިފްތިތާޙްކޮށްދެއްވައިފި


އިސްކަންދަރު ސްކޫލުގެ ޑިޖިޓަލް ލައިބްރަރީއާއި އެ ސްކޫލްގެ އޮކެސްޓްރާ ބޭންޑް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިފްތިތާހްކޮށްދެއްވައފިއެވެ.

ރައީސް ޞާލިހް މިކަން އިފްތިތާހްކޮށްދެއްވީ އިސްކަންދަރު ސްކޫލަށް 58 އަހަރު ފުރޭ މުނާސަބަތު ފާހަގަ ކުރުމަށް މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތައްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްކަންދަރު ސްކޫލުގެ ”އީ ލައިބްރަރީ“ ބައްލަވާލައްވާ، އެ ސްކޫލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

އިސްކަންދަރު ސްކޫލުގެ ޑިޖިޓަލް ލައިބްރަރީއަކީ އަމިއްލަ ފަރާތަކުން އެ ސްކޫލަށް ހަދިޔާކޮށްފައިވާ ލައިބްރަރީއެކެވެ. މި ލައިބްރަރީއަކީ ގާތްގަނޑަކަށް 3 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ ލައިބްރަރީއެކެވެ.

މި ލައިބްރަރީއަކީ ދަރިވަރުންނަކީ ޓެކްނޮލަޖީއާ ރައްޓެހި ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ހަދާފައިވާ ލައިބްރަރީއެކެވެ.

އިސްކަންދަރު ސްކޫލުން ބުނީ މި ލައިބްރަރީއަށް ވަނުމުގެ ފުރުޞަތު ސްކޫލްގެ ކޮންމެ ދަރިވަރަކަށްވެސް ހުޅުވާލާފައިވާކަމަށެވެ. އަދި މި ޚިދުމަތް ބޭނުންކުރަމުންދާނީ ސްކޫލް މާހައުލުގައި އެކަނި ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

އެއްފަހަރާ 32 ކުދިންނަށް ބޭނުންކުރެވޭނެގޮތަށް ހަދާފައިވާ މި ލައިބްރަރީން ކޮންމެ ދަރިވަރަކަށްވެސް އެ ދަރިވަރަކު ކިޔަވާ މަރުހަލާއާ ގުޅޭ ހުރިހާ ވައްތަރެއްގެ ފޮތްތައް ލިބެން ހުންނާނެކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ”ސޭވިންގ އަވަރ ބިލަވްޑް ޕްލެނެޓް“ގެ ނަމުގައި އެސްކޫލުގައި ބާއްވާ އެގްޒިބިޝަން ވެސް ހުޅުއްވައިދެއްވާފައެވެ. އަދި އިސްކަންދަރު ސްކޫލަށް 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެސްކޫލުން ވަނީ ހަނދާނީ ފިލާވެސް ދެއްވާފައެވެ. އެ ފަރާތްތަކާ މި ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ރަސްމިއްޔާތުގައި އިސްކަންދަރު ސްކޫލުގެ ދަރިވަރުން ތިމާވެއްޓަށް އަހުލުވެރިކުރުވުމަށްޓަކައި ހިންގާ ޙަރަކާތްތަކުގެ ތެރެއިން ދަރިވަރުން ފެންބުއިމަށް ބޭނުންކުރާ ތިމާވެއްޓާ ރަށްޓެހި ފުޅި، ޙަވާލުކުރުންވެސް ވަނީ އިފްތިތާޙްކޮށްފައެވެ. މިކަން އިފްތިތާހްކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާޙަގަކުރަމުންދަނީ އިސްކަންދަރު ސްކޫލްގެ އަހަރީދުވަހުގެ ގޮތުގައެވެ. އެހެންނަމަވެސް މިއހަރުގެ މިދުވަސް ރަމަޞާންމަހާ ދިމާވުމުގެ ސަބަބުން މިދުވަސް ކުރިއާލާ ފާހަގަކުރުމަށް އެ ސްކޫލްއިން ވަނީ ނިންމާފައެވެ.

އިސްކަންދަރު ސްކޫލް ފެށިގެން އައީ، 1961 ވަނަ އަހަރު މެއި މަހުގެ 10ވަނަ ދުވަހު ޙަމީދިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމުގައެވެ. އެ ސްކޫލްގެ ނަން ނާޞިރިއްޔާ މޮންޓެސޫރީ ސްކޫލްގެ ނަމަށް ބަދަލުވީ 1970ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އަދި އިސްކަންދަރު ސްކޫލުގެ ނަމުގައި ސްކޫލް ހިނގަން ފެށީ 1 ޖެނުއަރީ 1980 ގައެވެ.