ވިޔަފާރި

ދައުލަތަށް މިހާތަނަށް 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ


އަހަރުގެ މިހާތަނަށް އައިއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ދައުލަތުގެ އާމްދަނީ 7.1 ބިލިއަން ރުފިޔާއަށް އެރިއިރު، މިމުއްދަތުގެ ތެރޭގައި ދައުލަތުގެ ޙަރަދު އުޅެނީ 6.18 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ޚަރަދަށްވުރެ އާމްދަނީ އިތުރުވެ، ބަޖެޓު އުޅެނީ 898.3 މިލިއަން ރުފިޔާގެ އަރަންޏެއްގައެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ ދައުލަތުގެ މާލީ ހިސާބުތައް އާއްމުކޮށްފައިވާއިރު، މިފަހަރު ވަނީ ޖެނުއަރީ މަހުން ފެށިގެން އޭޕްރިލްމަހުގެ އަށާރަވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ޙަރަދުތަކާއި ލިބުނު އާމްދަނީގެ ތަފާސް ހިސާބުތައް އާއްމުކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ. އެގޮތުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީ، އާއްމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީންނެވެ.

އޭޕްރީލްމަހުގެ އަށާރަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރަށް 7.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އޭގެތެރެއިން 5.2 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައިއެވެ.

ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީގެ ގޮތުގައި 972 މިލިއަން ރުފިޔާވަނީ ލިބިފައެވެ. ޖީއެސްޓީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި 251.8 މިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 260.7 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެ މުއްދަތުގައި ދައުލަތުން ވަނީ، 6.18 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިދާރީ ޚަރަދުތަކަށާއި، ސަބްސިޑީ އަދި ހިންގުމުގެ ޚަރަދަށް ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އަދި މީގެ އިތުރުން ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށްވެސް މި މުއްދަތުގައި ސަރުކާރުން ވަނީ ބޮޑު ހޭދައެއްކޮށްފައެވެ. އެގޮތުން ޕީ،އެސް،އައި،ޕީ މަޝްރޫއުތަކަށް 632.8 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަންއަށެވެ. އެގޮތުން ސަރުކާރު މުއައްޒަފުންގެ މުސާރައާއި ޕެންޝަނަށް 2.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ މަސައްކަތަކާއި އޮފީސްތައް ހިންގުމަށް 2.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.