ޚަބަރު

ފިއްލަދޫ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި ކައުންސިލަރުން ހުވާކުރައްވައިފި


މިމަހުގެ 13 ވަނަ ދުވަހު ބޭއްވުނު ފިއްލަދޫ ކައުންސިލްގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި 2 ކައުންސިލަރުން މަޤާމުގެ ހުވާކުރައްވައިފިއެވެ.

މި ދެ ކައުންސިލަރުން ހުވާކުރެއްވީ ފިއްލަދޫ ސުކޫލު ހޯލުގައި ރޭ ބޭއްވި ޚާއްޞަ ދަރުބާރުގައެވެ. އަލަށް އިންތިޚާބުވި ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ފިއްލަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް ފަނޑިޔާރު އަލީ މުޚްތާރެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަން ބާއްވާފައިވާނީ ކުރިން އެކައުންސިލަށް އިންތިޚާބުވި ދެ ކައުންސިލަރުންކަމަށްވާ ކައުންސިލްގެ ނައިބު ރައީސްކަންކުރެއްވި މުޙައްމަދު ޖައުފަރާއި ކައުންސިލްގެ މެމްބަރު މުޙައްމަދު ނާފިޢު އިސްތިއުފާ ދެއްވުމުންނެވެ.

ފިއްލަދޫ ކައުންސިލަށް އަލަށް އިންތިޚާބުވި ދެ ކައުންސިލަރުންނަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. އެމްޑީޕީއިން މި ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު ޕީޕީއެމްގެ 2 ކެނޑިޑޭޓުންނާވާދަކޮށެވެ.

ފިއްލަދޫ ކައުންސިލްގެ ބައި އިލެކްޝަނުގައި ވޯޓުދިނުމުގެ ހައްޤު 783 ފަރާތަކަށް ލިބިފައިވީނަމަވެސް އިންތިޚާބުގައި ވޯޓުލާފައިވަނީ 575 ފަރާތުންނެވެ.