ވިޔަފާރި

އިންޑިއާގެ "މޯޓީ މަހަލް"ގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފި


އިންޑިއާގެ މަޝްހޫރު "މޯޓީ މަހަލް"ގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވައިފިއެވެ.
މިތަން ހުޅުވައިދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފެވެެ. މިތަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޙްލޫފު ވިދާޅުވީ ދުނިޔޭގެ މިހާ މަޝްހޫރު ކޮލިޓީ ރެސްޓޯރަންޓެއް ރާއްޖޭގައި ހުޅުވިގެންދިއުމަކީ ދިވެހިންނަށް ލިބިގެންދާ ވަރަށްބޮޑު އުފަލެއްކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މޯޓީ މަހަލްގެ މެނޭޖިންގ ޑިރެކްޓަރ މޮނޭޝް ގުޖްރާލް ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ޤައުމަކަށްވެފައި އިންޑިއާގެ ކެއުންތަކަށް ދިވެހިންގެ މެދުގައި އޮންނަ މަޤްބޫލުކަން އިތުރުވަމުންދާކަމަށެވެ. އެހެންކަމުން މޯޓީ މަހަލްގެ އައުޓްލެޓެއް ރާއްޖޭގައި ހުޅުވިގެންދިއުމަކީ އެކުންފުންޏަށް ލިބިގެންދާ އުފަލެއްކަމަށެވެ.

މޯޓީ މަހަލްއަކީ އިންޑިއާގެ ކެއުންތަކަށް ޙާއްސަ ރެސްޓޯރަންޓެކެވެ. މިތަނުގެ ޚާއްސަ ކެއުންތަކުގެ ތެރޭގައި ބަޓަރ ޗިކަން، ތަންދޫރި ޗިކަން ހިމެނެއެވެ. މިބާވަތްތަކަކީ މޯޓީ މަހަލްއިން ބާޒާރަށް ނެރުނު 2 އުފެއްދުމެވެ.

މޯޓީ މަހަލް އުފެދުނީ 1920ވަނަ އަހަރު ކުޑަ ރެސްޓޯރަންޓެއްގެ ގޮތުގައެވެ. ނަމަވެސް މިއަދު މިކުންފުނި މުޅި ދުނިޔެއަށްވަނީ މަޝްހޫރު ފުޅާވެފައެވެ. އެގޮތުން މިހާރު މޯޓީ މަހަލްގެ 250 އައުޓްލެޓް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެބަހުއްޓެވެ. މޯޓީ މަހަލްއިން ރާއްޖޭގައި ހުޅުވި މިއައުޓްލެޓް ހުންނަނީ ރަސްފަންނު ޕެވިލިއަންގައެވެ. މިތަން ހުޅުވާފައި ހުންނަނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 1100އިން ރޭގަނޑު 2300 އަށެވެ. އަދި ހުކުރު ދުވަހު ހުޅުވާފައި ހުންނާނީ 1400 އިން 2300 އަށެވެ.