ޚަބަރު

ސްރީ ލަންކާގެ ދިފާޢީ ވަޒީރު އިސްތިއުފާދެއްވުމަށް އެ ޤައުމުގެ ރައީސް އަންގަވައިފި


ސްރީލަންކާގެ ދިފާޢީ ވަޒީރު ހެމަރަސީ ފެރްނާންޑޯ އާއި ފުލުހުންގެ އިސް ވެރިޔާ، އިންސްޕެކްޓަރ ޖެނެރަލް ޕުޖިތު ޖަޔަސުންދްރާ އަރިހު، އިސްތިއުފާ ދެއްވުމަށް ރައީސް މައިތިރިޕަލަ ސިރިސޭނާ އަންގަވާފައިވާކަމަށް އެ ޤައުމުގެ ރިޔާސީ އިދާރާއިން ހާމަކޮށްފިއެވެ. އެހެންނަމަވެސް ދިފާޢީ އިސްމަޤާމުތަކަށް، އެ ބޭފުޅުންގެ ބަދަލުގައި ދެން ޢައްޔަންކުރައްވާނީ ކޮން ފަރާތްތަކެއް ކަމެއް ރިޔާސީ އިދާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސިރިސޭނާގެ މި ނިންމެވުން އިޢުލާންކުރައްވާފައި މިވަނީ، ލަންކާއަށް ހަމަލާތަކެއް ދޭން އުޅޭކަމުގެ އިންޒާރުތަކެއް ލަންކާގެ ސަލާމަތީ އިދާރާތަކަށް ލިބިފައި އޮވެމެ، އެ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައިނުވާކަމަށްބުނެ އެފަރާތްތަކަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ލަންކާގެ ޖާސޫސީ އަދި ދިފާއީ ބާރުތަކަކީ، ލަންކާގެ ރައީސް ސިރިސޭނާގެ ބެއްލެވުމުގެ ދަށުގައިވާ އިދާރާތަށް ކަމަށްވާހިނދު، ސިރިސޭނާވެސް މިކަމަށް ސަމާލުކަމެއް ދެއްވާފައިނުވާކަމަށްބުނެ ބައެއް ފަރާތްތަކުން ދަނީ ސިރިސޭނާއަށްވެސް ފާޑުކިޔަމުންނެވެ.

ސރިރިސޭނާ ދެއްވި ޤައުމީ ޚިޠާބުގައި މިކަންކަން ދޮގުކުރައްވާ ވިދާޅުވީ، ޙަމަލާއެއް ދީފާނޭކަމުގެ އެއްވެސް މަޢުލޫމާތެއް ކަމާގުޅޭ އެއްވެސް މުޢައްސަސާއަކުން އެމަނިކުފާނާ ހިއްސާކޮށްފައިނުވާކަމަށެވެ. ސްރީލަންކާގެ ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެރްނާންޑޯ ކުރިން ވަނީ އެ ޤައުމުގެ ދެ ސަރަޙައްދެއްގައި ޙަމަލާތަކެއް ދޭނެކަމުގެ އިންޒާރު ކުރިން ލިބުނުކަމަށާއި، އެހެން ނަމަވެސް މިވަރުގެ ހާލަތެއް މެދުވެރިވެދާނެކަމަށް ސަލާމަތީ ބާރުތަކުން އަންދާޒާ ކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އެހެންކަމުން މިކަމުގެ ޒިންމާ އެ ޤައުމުގެ ސަރުކާރާއި އިންޓަލިޖެންސް އިދާރާތަކުން އުފުލަންޖެހޭކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް ހެމަސިރީ ވަނީ ވިދާޅުވެފައެވެ.