ޚަބަރު

އޭބީޔޫ ސޯންގް ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިންގް ޔޫނިއަން، އޭބީޔޫގެ ފުރަތަމަ ސޯންގް ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން ހުޅުވާލައިފިއެވެ.

މި ކޮންޓެސްޓްގައި ބައިވެރިމުގެ ފުރުސަތު ޕީއެސްއެމްއިން ހުޅުވާލާފައިވަނީ، އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ. އޭބީޔޫ ސޯންގް ކޮންޓެސްޓްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން، ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އައިމިނަތު ހުޝާމާ ވިދާޅުވީ، މި ފުރުސަތަކީ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ލަވަ ކިޔުމުގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި ކުރިއަށްދާ މި ކޮންޓެސްޓްގެ ފައިނަލް ޝޯ އޭބީޔޫގެ މެމްބަރު ހުރިހާ ޤައުމަކުން ލައިވް ކުރުމަށް ހަމަޖެހިފައިވާއިރު، މި ޕަރފޯމެންސްތަށް ދެ ބިލިއިއަނަށްވިރެ ގިނަ ފަރާތްތަކުން ބަލާނެކަމަށް ބެލެވެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މޭ 9 އެއްގެ ކުރިން އެ ފަރާތެއްގެ ސީވީ ޕީއެސްއެމްއަށް މެއިލްކުރުމަށް ހުޝާމާ ވަނީ އެދިވަޑައިގަންނަވާފައެވެ.

"މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖެއަށް އެއް ޖާގަ ލިބިފައިވާއިރު، މި ފުރުސަތަށް ސޯލޯ އަދި ގްރޫޕް ޕަރފޯމަރުންވެސް ކުރުމަތިލުމުގެ ފުރުސަތު ހުޅުވާލާފައި. އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައި މި މުބާރާތްކިރިއަށްދާނީ." ހުޝާމާ ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ހުނަރުވެރިންގެ ހުނަރުތަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ދައްކާލުމަށް ޕީއެސްއެމްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޭބީޔޫގެ އެކި ޕްލެޓްފޯމްތަކުގައި ދިވެހިންނަށް ޕީއެސްއެމް އިން ވަނީ ފުރުސަތުތަށް ހޯދާދީފައެވެ. އޭގެތެރޭގައި އޭބީޔޫ އިންޓަނޭޝަނަލް ޑާންސް ފެސްޓިވަލްއާއި ސޯންގް ފެސްޓިވަލްތަކުގައި ޕީއެސްއިންވަނީ ދިވެހިންނަށް ފުރުސަތު ހޯދާދީފައެވެ.