ޚަބަރު

ބޭނުންވަނީ ސީޒަންގެ ހުރިހާ މެޗްއެއް ކާމިޔާބުކުރަން - އަސަދުﷲ


މިއަހަރުގެ ސީޒަންގައި ބޭނުންވަނީ ހުރިހާ މެޗްއަކުން މޮޅުވެގެން ހުރިހާ ތައްޓެއް ހޯދަންކަމަށް މަޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނެފިއެވެ. މިއަހަރުގެ ސީޒަންއަށް އެންމެ ފުރަތަމަ ފަރިތަކުރުންތަށް ފަށާފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއިންނެވެ. މާޒިޔާއިންވަނީ އެޓީމްއަށް 2017ވަނަ އަހަރު ކޯޗްކޮށްދިން މަރިޔާން ސެކުލޮސްކީ އެޓީމްގެ ކޯޗްއަކަށް ހަމަޖައްސާފައެވެ. އައު ސީޒަނަށް ތައްޔާރުވުމުގެގޮތުން މާޒިޔާއިން ވަނީ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ގެނެސްފައެވެ. މިދިޔަ 5 އަހަރު ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި ހަމްޒާ މުހައްމަދު އާއި ޑިފެންޑަރު އަހުމަދު އަބްދުﷲ އާއި ޓީސީ ސްޕޯޓްސް ކްލަބުން މިދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއްދެއްކި އިބްރާހީމް ވަހީދު ހަސަން އަދި އިބްރާހީމް މަހުދީ ހުސައިން ހިމެނެއެވެ. އަދި މިދިޔަ ސީޒަނުގައި ވިކްޓްރީއަށް ކުޅުނު ހުސައިން ނިހާން އާއި މިދިޔަ ދެ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް ހިމެނެއެވެ. އާސީޒަންއާއި ބެހޭގޮތުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މިއަހަރު މާޒިޔާގައި އޮތީ ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއް ނެގޭ ފެންވަރުގެ ސްކޮޑްއެއްކަމަށެވެ. އަދި މެނޭޖްމަންޓްގެ އެހީގައި މިއީ ނުވާވަރުގެ ކަމެއް ނޫންކަމަށްވެސް ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނިއެވެ. އަދި މިހާރު މާޒިޔާގެ ކޮންމެ ޑިޕާޓްމަންޓްއަކަށް ބަލާލިކަމަށް ވީނަމަވެސް، ކޮންމެ ޑިޕާޓްމަންޓްއެއްވެސް ފެންނަނީ ވަރަށް ވަރުގަދަކޮށްކަމަށް އަސަދުﷲ ބުނިއެވެ. ފާއިތުވެގެންދިޔަ އަހަރުތަކުގައި ސީޒަންގެ ފަހުކޮޅުގައި ގިނަ ޓީމްތަށް އުޅުނީ ވަރަށް ހާލުގައިކަމަށާއި ނަމަވެސް މާޒިޔާގެ މެނޭޖްމަންޓްއަކީ ނަމޫނާ މެނޭޖްމަންޓްއެއްކަމަށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނިއެވެ.

މާޒިޔާއިންވަނީ 10 ދުވަހުގެ ތަމްރިން ދަތުރެއްގައި މިއަދު މަހިބަދޫއަށް ފުރާފައެވެ. އާ ސީޒަން އަންނަ ޖޫން މަހު ފަށަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހަމަޖައްސާފައި ވާއިރު އެ އެސޯސިއޭޝަނުން މިހާރު ދަނީ ސީޒަން ކަލަންޑަރު ފައިނަލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.