ޚަބަރު

ޒުވާނުން ކުޅިވަރު ތަރައްގީ ކުރުމަށް އެއްބާރުލުން ދޭނަން - އަޒްމީލް


ޒުވާނުން އިސްނަގައިގެން ރާއްޖެއަށް ކުޅިވަރު ތައާރަފްކޮށް ރާވާ ހިންގުމަކީ ޔޫތް މިނިސްޓްރީން އަބަދުވެސް އެއްބާރުލުން ދޭނެ ކަމެއް ކަމަށް ޔޫތް މިނިސްޓްރީން ބުނެފިއެވެ. ހާފްކޯޓް މޯލްޑިވްސްއިން އިސްނަގައިގެން ރާއްޖެއަށް އަލަށް ތައާރަފްކުރި ޑިއުބޯލް މުބާރާތަށްފަހު ޑެޕިއުޓީ ޔޫތް މިނިސްޓަރ އަހުމަދު އަޒްމީލް ވިދާޅުވީ، ޒުވާނުން އިސްނަގައިގެން ކުޅިވަރުތައް ރާވާ ހިންގުމަކީ ރާއްޖޭގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ލޯބި ވަރަށް ބޮޑަށް ދައްކުވައިދޭ ކަމެއް ކަމަށެވެ. އަޒްމީލް ވިދާޅުވީ ސިޔާސީ ފިކުރު އެއްކިބާކޮށް އިޖުތިމާއީ ކަންކަމުގައި އިސްނަގައި، ޒުވާނުން ކުރިއަރުވަން މަސައްކަތްކުރާނެ ބަޔަކު ޒުވާނުންގެ ތެރޭގައި ތިބިކަން ދައްކުވައިދޭ ކަމެއްކަމަށާއި، އެއީ މިނިސްޓްރީއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ. ހާއްސަކޮށް ރާއްޖޭގައި ސްޕޯޓްސް ޓުއަރިޒަމް ތައާރަފްކޮށް ކުޅިވަރު ކުރިއެރުވުމުގެ މަސައްކަތް ކުރަމުން ދާއިރު މިކަމަށް ޒުވާނުންގެ ފަރާތުން އެއްބާރުލުން ލިބުމަކީ މިނިސްޓްރީއަށް ލިބޭ އުފަލެއް ކަމަށެވެ. އަދި ޒުވާނުން އަހުލުވެރިވެ ރާވާ ހިންގާ މިފަދަ އިޖްތިމާއީ ހަރަކާތްތަކަށް ޔޫތް މިނިސްޓްރީން ޒުވާނުންނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް އަޒްމީލް ވިދާޅުވިއެވެ.

އިންޑިޔާގެ ޑިއުބޯލް ފެޑެރޭޝަނާ ގުޅިގެން ހާފްކޯޓް މޯލްޑިވްސްއިން ރާއްޖެއަށް ތައާރަފްކުރި ޑިއުބޯލްއަށް ހާއްސަ އެސޯސިއޭޝަނެއް އުފެއްދުމުގެ މަސައްކަތް ވަނީ ޔޫތް މިނިސްޓްރީއާއި ހާފްކޯޓް މޯލްޑިވްސް ގުޅިގެން ފަށާފައިއެވެ.