ސިޔާސީ

އިތުރު އިނާޔަތް ހޯދުމަށް ޔާމީންވެސް އިމްތިޔާޒްގެ ޤާނޫނަށް އިސްލާހެއް ހުށަހަޅައިފި


ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވުމުން އިނާޔަތް ލިބޭގޮތަށް އަނެއްކާވެސް ޤާނޫނަށް އިޞްލާހެއް ހުށައަޅައިފިއެވެ.

މިފަހަރު އިޞްލަޙު ހުށައެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި މިހާރު ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީނެވެ. އޭނާ އިޞްލަޙު ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މެންބަރުކަމުން ވަކިވުމަށްފަހު ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި އިނާޔަތް ނުލިބޭނެކަމަށް ޤާނޫނުގައި ބުނާ މާއްދާ އުވާލުމަށެވެ.

އޭނާ އިޞްލާޙު ހުށައެޅުއްވި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ މަޤާމުން ވަކިވިނަމަވެސް ރައްޔިތުންގެ ތެރޭގައި އަބުރުވެރިކަމާއި ނަޒާހަތްތެރިކަމާއެކު އުޅެވެން ޖެހޭނެ އިމްތިޔާޒެއް ލިބެން ޖެހޭނެ ބަޔަކަށް ވާންޖެހޭތީކަމަށެވެ. އެފަދަ އެހެން މަޤާމުތަކުގައިވެސް ލިބޭ އިމްތިޔާޒަކާއި އިނާޔަތެއް އެމަޤާމަކުން ވަކިވާ ދުވަހުން ފެށިގެން ލިބެމުން ދާ އެއްޗަކަށް ވީހިނދު، ރައްޔިތުންގެ މަޖިލިސްފަދަ މުހިމު މުއައްސަސާއެއްގައި ހިދުމަތްކޮށް ވަކިވެގެންދާ ދުވަހުންފެށިހެން އެމާޤާމާއި އެކަށީގެންވާ ވަރުގެ އިނާޔަތާ އިމްތިޔާޒު ލިބިގެން ދިއުމަކީ ޤައުމީ ހައިބަތު ދައްކުވައިދޭނެ ކަމަކަށްވާތީކަމަށްވެސް ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ޤާނޫނަށް ޔާމީން އިޞްލަޙެއް ހުށައަޅުއްވާފައިވާއިރު، އެޤާނޫނަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުޞްޠަފާ ހުށައެޅުއްވި އިޞްލާހު މިހާރު ވަނީ އަނބުރާ ނަންގަވާފައެވެ. އޭނާ ކުރިން އިޞްލާޙު ހުށައަޅުއްވާފައިވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ޚިދުމަތް ލީބެނެގޮތަށް ޤާނޫނަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދުވެސް ވަނީ އެ ޤާނޫނަށް ދެ އިޞްލާޙެއް ހުށައަޅުއްވާފައެވެ.

އެއީ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ކޮށްފައިވާ މީހަކު ބޭނުންނަމަ އެ ހެލްތު ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާއާއި 18 އަހަރު ނުވާ ކުދިން ބައިވެރިކުރެވޭގޮތަށް އިސްލާހް ހުށައެޅުމެވެ. އަދި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށާއި، ޕާސްޕޯޓް ހެއްދުމުގެ ޚަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށްކަމަށް ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިތުރު އިނާޔަތްތަކާއި އިމްތިޔާޒް ލިބޭގޮތަށް ފާސްކުރުމަށް ހުށަހަޅަމުންދާތީ އެތައް ބައެއްގެ ފާޑުކިއުން ވަނީ މެންބަރުންނަށް އަމާޒުވެފައެވެ.