ދުނިޔެ

ސައޫދީއަށް ނުރައްކަލެއްވާން ޕާކިސްތާނު ދޫކޮށްނުލާނެކަމަށް ބުނެފި


ސައޫދީ އަރަބިއްޔާގެ ސަރަހައްދީއިމުގެ ސަލާމަތަށް
އެއްވެސްކަހަލަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ޕާކިސްތާނުން ސައޫދީ
އަރަބިއްޔާއަށް މަދަދު ދިނުމުގައި އެއްވެސް ޝައްކެއް ސުވާލެއް އުފެދޭނެ ޖާގައެއް
ނުދޭނެކަމަށް ބުނެ ޕާކިސްތާނުން ބަޔާނެއް ނެރެފިއެވެ.



ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި
ބުނެފައިވަނީ ޕާކިސްތާނުގެ ގާނޫން ހަދާ މަޖިލީހުން ނިންމި ނިންމުމަކާއިމެދު ގަލްފުގެ
ގައުމުތަކުން މާޔޫސްކަން ފާޅުކޮފައިވަނީ މީޑިއާގައި އެނިންމުގެ ރަނގަޅުނޫން
މާނައެއް ފަތުރަމުންދާތީކަމަށެވެ.



މިބަޔާނުގައި ބުނެފައިވަނީ ޕާކިސްތާނުގެ ސްޓްރެޓެޖިކް
ބައިވެރިންނާއި ރަހްމަތްތެރިން، ޚާއްސަގޮތެއްގައި އެފަރާތްތަކުގެ ސަލާމަތަށް
ނުރައްކާވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުން އެގައުމުތައް ދޫކޮށްނުލާނެކަމަށެވެ. ސައޫދީ އަރަބިއްޔާގެ ސަރަހައްދީ އިމުގެ ސަލާމަތާއި މުގައްދަސް ދެ ހަރަމްފުޅުގެ
ރައްކާތެރިކަމަށް ޕާކިސްތާނުން ފުރިހަމަ އެއްބާރުލުމާއި މަދަދު ސައޫދީ ސަރުކާރަށް
ފޯރުކޮށްދޭނެކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި ޔަމަނުގެ ސަރުކާރު އަބުރާ
ރުޖޫއަވާންޖެހޭނެކަމަށާއި އީރާނުގެ ޚާރިޖީވަޒީރަށް ޕާކިސްތާން ސަރުކާރުން
ދީފައިވަނީ މިމެސެޖްކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.



މިމަހުގެ 10 ވަނަ ދުވަހު ޕާކިސްތާނުގެ ގާނޫން ހަދާ މަޖިލީހުން
ފާސްކޮށްފައިވަނީ ޔަމަނުގައި ސައޫދީންކުރިއަށްގެންދާ ހަމަލާތަކުގައި ބައިވެރިނުވެ
ވަކިފަރާތަކަށް ނުޖެހި ތިބުމަށާއި އެހެންނަމަވެސް ސައޫދީ އަރަބިއްޔާގެ ސަރަހައްދީ
އިމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ ޕާކިސްތާނުން
ސައޫދީއަށް މަދަދު ދިނުމަށެވެ. މިނިންމުމާއިގުޅިގެން ގަލްފުގެ ޔޫއޭއީންވަނީ ވަރަށް
ބޮޑަށް ހިތްހަމަނުޖެހުންފާޅުކޮށްފައެވެ. އަދި މިއީ އަރަބިން ނުރައްކަލެއްގެތެރެއަށް ވެށްޓިފައިވާ ދަނޑިވަޅެއްގައި އީރާންގެ މަސްލަހަތަށް ޕާކިސްތާން ބެލުންކަމަށް ގަލްފުގެ ބައެއް އޮފިޝަލުން ސިފަކޮށްފައިވެއެވެ.ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒު ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޕާކިސްތާނުން ކުރާ މަސައްކަތް އިތުރަށް ފުޅާކުރާނެކަމަށެވެ. ޔަމަނުގެ ސަރުކާރު އެބުރި ރުޖޫއަވާންޖެހޭނެކަމަށާއި ސުލްހައިގެ މަގުން އެކަންކުރުމަށް އެކުވެރިގައުމުތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް ނަވާޒް ޝަރީފް ވިދާޅުވިއެވެ.ސައޫދީ އަރަބިއްޔާއާއި ގަލްފުވެ އަރަބި ގައުމުތަކުން ތުހުމަތުކުރަނީ ޔަމަނުގައި ބައިމަދު ޝިއައީ ހޫތީން އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސަލާހްގެ ވާގިވެރިންނާއި ގުޅިގެން ޔަމަނުގެ ސަރުކާރު ވަށްޓާލަން ހަގުރާމަކުރަމުންދަނީ އީރާނުން އަޑީގައި އޮވެގެންނެވެ.