ދުނިޔެ

ލަންކާއަށް ބޮމުގެ ހަމަލާތައް ދިނުމުގައި 8 ފިރިހެނަކާއި 1 އަންހެނަކު ބައިވެރިވި: ސިފައިން


މިދިޔަ އާދިއްތަދުވަހު ސްރީލަންކާގައި ދިންބޮމުގެ ހަމަލާތައް ދިނުމުގައި ބައިވެރިވި ނުވަ މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭކަމަށް އެ ޤައުމުގެ ޖޫނިޔަރ ޑިފެންސް މިނިސްޓަރ ރުވާން ވިޖެވަރްދެނޭ ވިދާޅުވެއްޖެއެވެ.

މިއީ ސްރީލަންކާގެ ތާރީޚުގައި ވެސް އެ ގައުމުގައި ދިން މިފަދަ އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެވެ.
ވެރިރަށް ކޮލޮމްބޯގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ސްރީލަންކާގެ ޖޫނިޔަރ މިނިސްޓަރ ވިޖެވަރްދެނޭ ވިދާޅުވީ، މި ހަމަލާތަކުގައި ގޮއްވާލި ބޮންތަކަކީ ހަމަލާ ދިން މީހުންގެ ގައިގާ ހަރުކޮށްގެން ގޮއްވާލި ބޮންތަކެއް ކަމަށާއި، މި ބޮންތައް ގޮއްވާލުމުގައި އަންހެނަކުވެސް ބައިވެރިވެފައިވާކަމަށެވެ.

އަދި މި ހަމަލާ ރޭވި އެއް ޖަމާޢަތުގެ ލީޑަރުވެސް މި ހަމަލާ ދިނުމުގައި ބައިވެރިވާ ކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ހަމަލާ ދިނުމުގައި ބައިވެރިވި ނުވަ މީހުންނަކީވެސް ކިޔަވައިގެން ތިބި މީހުން ކަމަށާއި، މީގެ ތެރެއިން އެކަކީ އޮސްޓްރޭލިޔާ އާއި އިނގިރޭސިވިލާތުން ތަޢުލީމު ހާސިލްކޮށްގެން ތިބި މީހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިޖެވަރްދެނޭ ވިދާޅުވީ، މި ހަމަލާ ދިންކަމަށް ބެލެވޭ ނުވަ މީހުންގެ ތެރެއިންއަށް މީހަކީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށާއި އަނެއް މީހާގެ މަޢުލޫމާތު ހޯދަމުންދާކަމަށެވެ.