ސިޔާސީ

އިނާޔަތް ހޯދުމަށް މުސްތަފާ ހުށައެޅި އިޞްލާޙު ނަގަނީ


މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތަކަށް އިތުރު އިނާޔަތާއި އިމްތިޔާޒް ލިބޭގޮތަށް ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްޠަފާ ހުށައެޅުއްވި އިޞްލާޙު އަނބުރާ ނެގުމަށް ނިންމައިފިއެވެ.

ފަނޑިޔާރުކަން ކޮށްފައިވާ ފަރާތްތަކަށް އިނާޔަތާއި އިމްތިޔާޒް ދައުލަތުން ލިބޭގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ވިލުފުށީ ދާއިރާގެ މެންބަރު ރިރާޒް ރަޝީދު ހުށައެޅުއްވި އިޞްލާހަށް ވާހަކަ ދައްކަވަމުން މުސްޠަފާ ވިދާޅުވީ، ދައުލަތުގެ އެއްވެސް ހިމާޔަތަކާއި އިނާޔަތަކާއި ރައްކާތެރިކަން ބޭނުންނުވާކަމަށެވެ. އެ އިޞްލާހު އަނބުރާ ނެގުމަށް ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުޞްޠަފާ ވިދާޅުވީ، އެއްވެސް ސަރުކާރަކުން މިހާތަނަށް އެނާގެ މުދަލަށް ހިމާޔަތް ލިބިފައިނުވާތީކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް މުޞްޠަފާ ހުށައަޅުއްވާފައިވާ އިޞްލާޙުގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހަކަށް އެއަރޕޯޓުން ވީ.އައި.ޕީ ސަރވިސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށެވެ. ނަމަވެސް މިހާރު އެ ޤާނޫނުގައި އޮތްގޮތުން މެންބަރުކަން ކޮށްފައިވާ މީހަކަށް އެއަރޕޯޓް ވީއައިޕީ ޚިދުމަތް ފޯރުކޮށްދޭކަށް ނުޖެހެއެވެ.

"އަޅުގަނޑު އެއްވެސް އިނާޔަތެއް ހިމާޔަތެއް ރައްކާތެރިކަމެއް ސަރުކާރަކުން ބޭނުމެއްނޫން. އަޅުގަނޑަށް ﷲ ގެ ހިމާޔަތް އެބައޮތް. އަޅުގަނޑު ފަސްވަގުތު ނަމާދުކުރަން. ﷲ ގެ ހިމާޔަތް ފިޔަވާ އެއްވެސް ހިމާޔަތެއް އަޅުގަނޑު ބޭނުމެއްނޫން. އިރާދަކުރެއްވިޔާ މިއަދު އަޅުގަނޑު އެ އިޞްލާހު އަނބުރާ ނަގާނަން." ތިމަރަފުށީ ދާއިރާގެ މެންބަރު މުޞްޠަފާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް މުސްތަފާ ހުށައަޅުއްވާފައިވާ އިޞްލާހު ނެގުމަށް ނިންމެވި ނަމަވެސް އެ ޤާނޫނަށް ދިއްދޫ ދާއިރާގެ އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި ޢަބްދުއްލަޠީފް މުޙައްމަދުވެސް ދެ އިޞްލާޙެއް ވަނީ ހުށައަޅުއްވާފައެވެ.

އެއީ މަޖިލީހުގެ މެންބަރުކަންކޮށްފައިވާ ކޮންމެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އޮންނަ ފަދަ ހެލްތު އިންޝުއަރެންސް ސްކީމެއެއްގެ ދަށުން ބޭސްފަރުވާ ކޮށްދިނުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންކަން ކޮށްފައިވާ މީހަކު ބޭނުންނަމަ އެ ހެލްތު ސްކީމަށް ފިރިމީހާ ނުވަތަ އަނބިމީހާ އަދި 18 އަހަރު ނުވާ ކުދިން ބައިވެރިކުރެވޭގޮތަށް އިސްލާހް ހުށައެޅުމެވެ. އަދި މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ކޮންމެ މީހެއްގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓްވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަންވާނެކަމަށާއި، ޕާސްޕޯޓް ހެއްދުމުގެ ޚަރަދު ހަމަޖައްސާނީ އެމީހަކު އަމިއްލައަށްކަމަށް ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް އިތުރު އިނާޔަތްތަކާއި އިމްތިޔާޒް ލިބޭގޮތަށް ފާސްކުރުމުގެ މައްސަލައިގައި އެތައް ބައެއްގެ ފަޑުކިއުން ވަނީ މެންބަރުންނަށް އަމާޒުވެފައެވެ.